19 ރަށެއްގައި ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި، ފެންފަށަލަ އިޔާދަކުރެވޭނެ ގޮތްތަކާއި ވަސީލަތްތައް ފަރުމާ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި، ފެން ފަށަލަ އިޔާދަކުރުމަށް ޤާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ ކުންފުންޏަކަށެވެ. އެއީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސްއާ އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު މަރިޔަމް މުހައްމަދު ޒަކީއެވެ. އަދި އީޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރެވެ.

މި އެއްބަސްވުމުގެ ދަށުން ދިރާސާ ކުރަން ހަމަޖެހިފައިވާ ރަށްތަކަކީ، އއ. މަތިވެރި، އއ. ހިމަންދޫ، އދ. ކުނބުރުދޫ، ދ. ބަނޑިދޫ، ދ. ހުޅުދެލި، މ. ނާލާފުށި، މ. ވޭވަށް، ތ .ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ދިޔަމިގިލި، ތ. ގާދިއްފުށި، ށ. ފޯކައިދޫ، ގއ. މާމެންދޫ، ގއ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ، ގދ .ރަތަފަންދޫ، ގދ .ނަޑެއްލާ އަދި ގދ. ހޯޑެއްދޫއެވެ.

މި މަސައްކަތް ކުރުމަށް ރިއަން އަދި އިޕޮކްއާ ހަވާލު ކުރި ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގަކީ 7،216،115 ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހުށައަޅާފައިވާ މުއްދަތަކީ ސޮއި ކުރާ ތާރީޚުން ފެށިގެން ނުވަ މަސް ދުވަހެވެ.

ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓް އަކީ މެއި 9، 2017 އިން ފެށީގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސއްކަތްތަކެއް ހިމެނޭ ގޮތަށް ކުރިއަށްދާ މަޝްރޫއެކެވެ.

މި މަސައްކަތުގެ ތެރޭގައި ރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމާއި، ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓަ ކުރުމާއި، ހޫނު މޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓަރއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެއް އެކުލާވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.