މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް ތެރޭގައި ހިމެނޭ ހުޅުމާލެ އަދި މާލެ ބަހުގެ ދަތުރުތަކަށާއި، ފެރީގެ ހިދުމަތްތައް ދޭ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިންތިޒާމްތައް ހަމެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އިތުރު ގައިޑްލައިންތަކެއް ކަނޑައަޅާފައި ވާކަމަށެވެ.

ސަމީރު ވިދާޅުވީ އެގައިޑްލައިންގައިވާ ކަންކަން ތަންފީޒުކުރުމަށް ކުރާ މަސައްކަތުގައި ޒަރޫރީ ބޭނުންތަކަށާ އެކި ހިދުމަތް ދޭ ފަރާތްތަކަށް އެ ހިދުމަތެއް ދޭން ވަކި ވަގުތުތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލެ އަދި މާލެ ބަހުގެ ދަތުރުތައް ލިބޭނެ އެންމެ ފަހު ވަގުތަކީ ރޭގަނޑު 10:30 ކަމަށް ވިދާޅުވިއެވެ. އަދި ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފައިވާ ރަށްތަކަށް ދަތުރުކުރާ ފަހު ފެރީގެ ވަގުތަކީވެސް އެއީކަމުގައި ފާހަގަކުރެއްވިއެވެ.

ސަމީރު ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކޮށްފައި ވާނެ ކަމަށެވެ. އަދި ކާފިއު ވަގުތުތަކުގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި ހުއްދަ އޮންނަ ޓެކްސީތަކަށްކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފެނާއި ގޭސް ފޯރުކޮށްދޭ ފަރާތްތަކަށް ރޭގަނޑު 08:30 ފެށިގެން 11:00 ދޭތެރޭގައި ކޮންމެ ކުންފުންޏަކަށް ދެ އުޅަނދު ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ފަށާފައި މިވަނީ، އަނެއްކާެސް ފެތުރެން ފެށުމުގެ ސަބަބުންނެވެ.

މިހާތަނަށް ރާއްޖޭގައި މި ބަލީގެ 16،155 ވޭދަނަ ފެނިފައިވާއިރު އޭގެ ތެރެއިން 14،263 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބައްޔަށް ފަރުވާ ދެމުން ގެންދަނީ 1،840 މީހެކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    އެއޮތް ބޮޑު ބަސްވެސް ކާލީތަ މިހާރު