ޖޫރިމަނާގެ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 12.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެނ 28 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ވަނީ 12.9 މިލިއަން ރުފިޔާ ލިބިފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 18.4 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު ފައިސާ ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 5.5 މިލިއަން ރުފިޔާ ދަށްވެފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް 12.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ، ގާތްގަނޑަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 31 ޑިސެމްބަރާއި ހަމައަށް އެކި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ވަނީ 146.2 މިލިއަން ރުފިޔާ ލިބިފައެވެ. އެހެން ނަމަވެސް އޭގެ ކުރީ އަހަރު 235.3 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

ބެލެވޭ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައިވާ ޖޫރިމަނާ ފައިސާގެ އަދަދު ދަށްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ފުރަބަންދު ކޮށްފައިވާތީއެވެ. އެމުއްދަތުގެ ތެރޭގައި ބޭރުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށް، ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.

މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް 12 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސަރުކާރުން ވަނީ މި އަހަރު ޖޫރިމަނާ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައެވެ. އެގޮތުން ސަރުކާރުން ބުނެފައިވަނީ ހަމަ އެކަނި ޓްރެފިކް ވައިލޭޝަންސް ޖޫރިމަނާ 5،199،006 އަށް އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރައްޔިތުން ހަނާ ކުރާ ސަރުކާރެއް

  2. ފޭރޭ ސަރުކާރު

    ތިއޮތީ މިސަރުކާރަށް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރެވިފަ.

  3. ކާމްޗޯރު

    ޖެހޭނެ ދޯ ރައްޔިތުންގެ ހިދުމަތުގަ ތިއްބެވި ދައުލަތުގެ އިސްވެރިންނަށް ބޮޑު މުސާރަދޭން ކޮންމެވެސްތާކުނަ ލާރިގަޑު ނެރެން. ގެޓުވެބަލަ، އެއީ ހިދުމަތުގެ އަގޭ.