ގދ. ތިނަދޫއަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ފައްސި ވުމާ ގުޅިގެން އެރަށުން ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ކޮވިޑް ސުންކުތައް ކޮވިޑް-19 އަށް ނައްސިވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ތިނަދޫ އިން މިހާތަނަށް ނެގި ހުރިހާ ސުންކެއް ނައްސި ކަމަށެވެ. އެގޮތުން ބަލި ޖެހުނު މީހުންނާއި އެއްތާވި 18 މީހުންގެ ސުންކު ނަގާފައި ވަނީ އިއްޔެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެންމެން ވެސް ކޮވިޑް-19 އަށް ނައްސިކަން ޓެސްޓުން ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ތިނަދޫގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

" އިއްޔެ އާއި ހަމައަށް ނެގި ސާމްޕަލްތައް އެއީ. އެ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް. އެކަމަކު އަދި ރެންޑަމް ސާމްޕްލިން ކުރިއަށް ދަނީ. އަދި އެއްވެސް ސާމްޕަލް އެއް ޕޮޒިޓިވް އެއް ނޫން. ދެން ރެންޑަމް ސާމްޕްލިން އިން އެނގޭނީ އިތުރަށް." އޭނާ ވިދާޅުވިއެވެެ.

ތިނަދޫއިން ކޮވިޑް 19 އަށް ފައްސިވި ދެ މީހުންނަށް ބަލި ޖެހުނުކަން އެނގިފައިވަނީ އެ މީހުން އެ ރަށަށް ކުރި ދަތުރު ނިންމާލުމަށްފަހު މާލެ ދިޔަފަހުން ކަމަށް ވާއިރު އެ ދެ މީހުންނަކީ ވެސް އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެ މީހުން ކަން ފާހަގަކޮށްލެވެއެވެ.

މި ވޭދަނަ އާއެކު ތިނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ލައިފައެވެ. އަދި އެ ރަށުގައި ބަލީގެ ހާލަތު އޮތް ގޮތް ބެލުމަށް ކުރަން ޖެހޭ ކަންކަން މިހާރު ދަނީ ކުރަމުންނެވެ.