ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން ގަވާއިދަށް ފެތުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 41،000 ބިދޭސީއަކު ގަވާއިދަށް ފެތިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އިޖްތިމާއީ ދާއިރާގައި މައްސަލަތައް ޙައްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެފަދަ އެއް ކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މިއަންނަނީ ފިޔަވަޅުތަކެއް އަޅަމުން. އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމުގައި މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރިވެއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޞައްޙަ ލިޔެކިއުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދެވިފައިވާ ކަމަށެވެ. އަދި ލިޔެކިއުންތައް ހުރި 8000 އަށްވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައި ދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްދާނެ ކަމަށެވެ.

"އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި. މީގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕަރސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެތެރޭގައި ކުރިއަށް ދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އިޖުތިމާއީ ބޮޑު މައްސަލައަކަށް ވެފައިވާއިރު މިހާތަނަށް އެކަން ރަނގަޅު ކުރުމަށް ސަރުކާރުތަކުން އެދެވިގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ތަނެއް ފާހަގައެއް ނުކުރެއެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން އެކަން އިސްލާހުކޮށް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަން ފެށިއެވެ. ކޮވިޑް-19 ގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ވެސް ހުޅުވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުހުހބޮލު

    ބޮލުގައި އެޅުނީ ގަވައިދާ ހިލަފަށް ޓޫރިސްޓު ވިސާގައި އައި މީހުން. ލަދު

  2. ހަނާ

    ކޮބާތަ ؟ ރެގިއުލަރައިޒޭޝަންގައި ތިބި އިމިގްރެންޓް ވޯރކާސް ކެޓަގަރީ މީހުން، އެމިހުން ތިޔަ ނިޒާމުގެ ތެރެއިން އެޕްލައިކޮށްގެން މިހާރު 1 އަހަރު ވީ އަދި ވެސް ޕެންޑިންޑް އެޕްރޫވަލް އަރާފައި އިންނަތާ.... އަހަރެން މަޢުލޫމާތު ސާފުކޮށްލުމުން އެނގުނީ މިނިސްޓްރީ ގައި އެކެޓަގަރީއަށް ޕޮލިސީ ހަދާނޭ ވެރިން ނެތިގެން ނޯ ލަސްވަނީ. އަދި އެހެންމެ އެންސީ އައިޓީ އިން ކޮންޕިއުޓަރ ތަކެއްގައި ހުރި ޑާޓާތައް ނަގާ ނުދީ ގެން ނޯ ލަސްވަނީ ، ނިކަން ނޫސް ވެރިން މިކަމުގެ ޚަބަރު ބަލާ ދީބަލަ

  3. ސަނާ ޒަރީރު

    ރެގިއުލަރރައިޒް ކުރާ ބަޔަށް
    ވެދުން ސަލާން
    ތިޔަ މިނިސްޓްރީ ގައި އިމިގްރެންޓް ވޯރކާސް ކެޓަގަރީއަށް ޕޮލިސީ ހަދާނޭ ވެރިން ނެތިގެން އުޅޭ ވާހަކަ އެބައަޑު އިވޭ. އެހެންވެގެން ނޯ ރެގިއުލަރ ރައިޒް ކުރާ އިރު 01 އހަރު ދޮޅު އަހަރު ނަގަނީ އަދި ލަސްވަނީ.....
    އަދި ހަމަ އެހެންމެ އެންސީ އައިޓީ އިން ކޮންޕިއުޓަރ ތަކެއްގައި ހުރި ޑާޓާތައް ނަގާ ނުދީ ގެން ނޯ އިމިގްރެންޓް ވޯރކާސް ކެތަގަރީގައި ތިބި 25000 ބިދޭސީންގެ މައްސަލަ ހައްލުނުވެ ލަސްވަނީ ،
    އެނގިލައްވާތޯ ދައުލަތައް ލިބެންޖެހޭ އާމްދަނީގެ 6.2 މިލިއަން ރުފިޔާކަން ތިޔަ ބޭފުލުންގެ އިހުމާލުން އެގެއްލުން ވަނީ.
    ނިކަން ނޫސް ވެރިން މިކަމުގެ ޚަބަރު ބަލާ ދީބަލަ އަހަރެން މިއުޅެނީ އެކަމުގައި ދޮޅުއަހަރު ވެއްޖެ އަދި ވެސް ސިސްޓަމުން ދައްކަނި ޕެންޑިންގ އެޕްރޫވަލް .
    ދެން ވެސް ކިޔަން ވީ ކޮވިޑޭދޯ