ކޮވިޑް-19 އެންމެ ވޭދަނައެއްވެސް ފެނިފައި ނުވާ އުތުރު ކޮރެއާގައި ވެކްސިން ދޭން ފަށާނެ ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.

އެގައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމަށް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ކޮވެކްސް ޕްރޮގްރާމްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން އެގައުމަށް ފޮނުވަން ހަމަ ޖެހިފައިވަނީ 1،992،000 ޑޯޒު ކޮވިޝީލްޑްގެ ވެކްސިނެވެ.

މި ޑޯޒުތައް ހަމަ ޖައްސާފައިވަނީ މީގެ ކުރިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ 240 މިލިއަން ޑޯޒުންނެވެ.

މި ވެކްސިން މިއަހަރުގެ ފުރަތަމަ ކޮޅު ލިބޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކޮވެކްސް އަކީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރު ކޮށްދިނުމަށް، ގާވީ އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިތުރު އެހެން ޖަމްއިއްޔާއަކުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އުތުރު ކޮރެއާގައި ވެކްސިން ދޭން ނިންމާފައިވާއިރު، އެގައުމަކީ މިހާތަނަށް ކޮވިޑް-19 ފެތުރިފައިވާ ނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެގައުމުގައި ބަލީގެ އެންމެ ވޭދަނައެއް ވެސް ފެނިފައި ނުވަނީ ބަލި ފެތުރެން ފެށަތާ މާ ގިނަ ދުވަހެއް ނުވަނީސް އެގައުމުގެ ލީޑަރު ކިމް ޖޮންއުން ބޯޑަރު ބަންދުކޮށް ހަރުކަށި ފުރަބަންދެއް ކޮށްފައިއިވުމުންނެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދަކަށް މި ބަލި ފެތުރި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 104 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނޭދޯ

    "އެގައުމުގައި ބަލީގެ އެންމެ ވޭދަނައެއް ވެސް ފެނިފައި ނުވަނީ ބަލި ފެތުރެން ފެށަތާ މާ ގިނަ ދުވަހެއް ނުވަނީސް އެގައުމުގެ ލީޑަރު ކިމް ޖޮންއުން ބޯޑަރު ބަންދުކޮށް ހަރުކަށި ފުރަބަންދެއް ކޮށްފައިއިވުމުންނެވެ."
    ރާއްޖެއިން ކަންކުރި ގޮތާއި މުޅިން އިދިކޮޅަށް އުތުރު ކޮރެއާއިން ކަންކުރީ.

    7
    1
  2. ޢަލީ

    އިބޫ ކަހަލަ ބައްދޫރެއް ެގައުމުގައި ހެތަކެއްހާސް މީހުން ކޮވިޑް ކެހި 3000 ވުރެންގިނަ މީހުން މަރުވެފަިވަނީ. މީ އިބޫކަހަލަ ކަންނުވެ ނަންވާމީހެއް.

    1
    2