ކޮންމެެ ރިސޯޓަކާވެސް އެންމެ ކައިރީގައި ހުންނަ ވެކްސިން ޕޮއިންޓަކުން އެ ރިސޯޓެއްގެ މުވައްޒަފުންނަށް ވެކްސިން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރިސޯޓު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް މިއަދު ސޯޝިއަލް ސެެންޓަރުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި ތިބޭ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ އިންތިޒާމް އެ އަތޮޅަކުން ހަމަޖެހިގެންދާނެެ ކަމަށެވެ.

"މިސާލަކަށް ގއ. އަތޮޅުގައި ތިބޭ ކުދިންނަށް އެތަނުގައި ވެެކްސިން ޖަހާ ތަނަށް ގޮސް ވެކްސިން ދޭ ގޮތަށް ހަދާނީ" މިނިސްޓަރ ވިދާޅުވިއެވެެެ.

އެގޮތުން ކޮންމެ ރިސޯޓަކާވެސް އެންމެެ ކައިރީގައި ހުންނަ ވެކްސިން ޕޮއިންޓަކުން ރިސޯޓު މުވައްޒަފުންނަށް ވެކްސިން ލިބޭނެެ ކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެެ.

މިނިސްޓަރު ވިދާޅުވީ، މި ހަރަކާތުގެ ތެެރެއިން ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެކަން ކާމިޔާބު ކުރެެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިއަދު ފެށި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިިން ދިނުމުގެ ހަރަކާތުގެ ތެެރެއިން ރިސޯޓުތަކުގައި އާއި، ސަފާރީ، އަދި ހޮޓެލް/ގެސްޓުހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެެކްސިން ދިނުމަށް ވަނީ ނިންމައިފައެވެ. އަދި އެނޫންވެސް ގޮތް ގޮތުން ފަތުރުވެރިންނާއި ގާތުން މަސައްކަތް ކުރާ މުވައްޒަފުންނާއި، ރިސޯޓު މިއުޒިކް ފަދަ ކަންކަމުގައި ހަރަކަތްތެރިވާ ފަރާތްތަކަށް ވެެކްސިން ދިނުމަށް ވަނީ ނިންމައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މުވައްޒަފުންނަށް 10،000 ޑޯޒް ހާއްސަކުރެވިިފައިވާކަމަށް ހާމަކޮށްފައެވެ. ވެކްސިން ޑޯޒްތަކުގެ ތެރެއިން 10،000 ޑޯޒް އިން ވެެކްސިން ދެެވޭނީ 5،000 މުވައްޒަފުންނަށެވެ.