އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްްދުގެ ގައުމުތަކަށް ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ބޮޑު ކަމަށް ޑިފެންސް މިިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ ބެންގަލޫރުގައި ކުރިޔަށް ދިޔަ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްްދުގެ ޤައުމުތަކަށް ނިސްބަތްވާ ދިފާޢީ ވަޒީރުންގެ މެދުގައި ބޭއްވުނު "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި، ބައިވެރިވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ގާއިމްކުރުމަށް ކުރެވޭނެ ކަންތައްތައްކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރިޔަށް ދިޔަ މި ފޯރަމްގައި މާރިޔާ ވަނީ މި ސަރަހައްދުގެ ގައުމުތަކަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މާރިޔާ ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކަށްް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ނިރުބަވެރި ޖަމާއަތްތަކުން ގެންގުޅޭ ހަރުކަށި ފިކުރުގައި ޖެހި، ހަނގުރާމަތަކުގައި ބައިވެރިވުމަށް ޤައުމުން ބޭރަށް ދިޔުން ކަމަށެވެ. އަދި އި އިންސާނީ ވަގުފާރިއާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްގެ ޢަމަލުތަކާއި، ވައިގެ މަގުންނާއި ސަރަޙައްދީ ރޮނގު ހުރަސްކޮށް ހިންގާ ޖަރީމާތަކުގެ ނުރައްކާތެރިކަންވެސް އިންތިހާއަށް އޮތްކަން ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރީގެ ނުރައްކާތެރިކަންވެސް މި ސަރަހައްދުގެ ގައުމުތަކަށް ވަނީ ފޯރާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އެބަދަލުތަކާ ގުޅިގެން އިންސާނީ އެހީ ދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ހުރިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކަނޑުފޭރުމާއި މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ކަނޑުމަތީގެ ސަލާމަތަށް ހުރި ނުރައްކާތަކަށްވެސް މިނިސްޓަރު ވަނީ އަލިއަޅުވާލާފައެވެ.

އަމަނާއި ޞުލްޙަޔަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ މަފްހޫމުކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އަމަނާއި ޞުލްޙަ ޤާއިމްކޮށް، ދެމެހެއްޓުމަށް ންމެ ދުވަހަކުވެސް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަމަނާއި ޞުލްޙަ އިތުރަށް ހަރުދަނާކުރެވޭނީ، ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދީ، އެއްބާރުލުމުގެ ރޫޙު އިތުރަށް ވަރުގަދަކޮށްގެން ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މި ސަރުކާރުން ހަރުކަށި ފިކުރު ބޭރުކަރަޔަށް ވިއްކައިގެން ޑޮލަރު ހޯދާ އެފައިސާ ގައި ޖެހޭ ކަމީ ޙަޤީޤަތް

  2. ލާދީނީ އަންނި

    މާރިޔާ ހާދަ ހޮޓޭ މިހާރު.