އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެލްސޭ ޓައުންސެންޑް ނަމަކަށް ކިޔާ އަންހެން މީހާ ވިހެއި ހަތަރު ވަނަ ދަރިފުޅާ ތިން މަސް ފަހުން ދިމާވެއްޖެއެވެ. އުމުރުން 32 އަހަރުގެ އެ އަންހެން މީހާ ކޯމާއަކަށް ދިޔައީ ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.

ސިޒޭރިއަން ހަދައިގެން ވިހެއި ކެލްސޭ އަށް ކޮވިޑް-19 ޖެހި އަދި ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކޯމާ އަށް ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި މެޑިސަންގެ އެސްއެސްއެމް ހެލްތް އެސްޓީ މެރީ ހޮސްޕިޓަލުގައި 75 ދުވަސްވަންދެން ކޯމާގައި އޮތުމަށް ފަހު އޭނާގެ ދަރިފުޅާ ދިމާވީ ގާތްގަނޑަކަށް ތިން މަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޫސީގެ ނަމުން ނަން ދެވިފައިވާ މި ދަރިފުޅާ ދިމާވުމުން ކެލްސޭ ބުނެފައިވަނީ އޭނާގެ ދަރިފުޅު ދެކެ ވަރަށް ލޯބިވާ ކަމަށާއި ވަރަށް ހަނދާންވާ ކަމަށެވެ.

ކެލްސޭ ވިހެއުމަށްފަހު އޭނާގެ ދަރިފުޅު ފުރަތަމަ ފަހަރަށް އުރާލަން ލިބިފައިވަނި މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެެވެ. ކެލްސޭ މިހާރު ވަނީ އެއްކޮށް ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ދަރިފުޅާ ދިމާވުމުން ހިތްހަމަޖެހިފައި ހުރި ކެލްސޭ ބުނެފައިވަނީ އޭނާ އުރާލުމުން ދަރިފުޅު އޭނާއާ ދިމާލަށް ބަލާފައި ހީލި ކަމަށާއި ދަރިފުޅުގެ މަންމަކަން މާކުރިން ވެސް އެނގޭހެން ހީވާ ކަމުގެ އިހްސާސްތައް އެ ކުއްޖާ އަށް ކުރެވުނު ކަމަށެވެ.

ކެލްސޭ ވިއްސި ޑޮކްޓަރު ބުނެފައިވަނީ މިއީ އެ ހޮސްޕިޓަލުގައި ވިހެއި މީހުންގެ ތެރެއިން ކޮވިޑު ޖެހި އެންމެ ހާލު ދެރަވި މީހާ ކަމަށެވެ. އަދި ކެލްސޭ ހޮސްޕިޓަލަށް ގެނައި އިރު ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ވަރަށް ދެރަ ކަމަށް އޭނާ ބުންޏެވެ. އަދި ހަންގަނޑު ވެސް އޮތީ ނޫވެފައި ކަމަށްވެއެވެ. އެހެންކަމުން ވީ އެންމެ އަވަަހަކަށް ވިއްސީ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.

މި ދެމައިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ރިޕޯޓްތަކުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު