ހދ. މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މަކުނުދޫ ކައުންސިލްގެ ނައިބު ރައިސް އަހުމަދު ވާފިރު ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ. ވާފިރު ވިދާޅުވީ، ހިނގާފައި ދިޔަ މީހާއާއި ސައިކަލުވެސް ދިޔައީ އެއްކޮޅަކަށް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 14:45 އެހާކަންހާއިރު ކަމަށާއި މި ހާދިސާގައި ބޮޑަށް އަނިޔާވެފައިވަނީ ހިނގާފައި ދިޔަ މީހާއަށް ކަމަށް ވާފިރު ވިދާޅުވިއެވެ.

"ބޭރުން މާ ބޮޑު ކަމެއް ފެންނަން ނެތަސް ބަލާބެލުމަށް ވަރަށް ބޮޑަށް އެ މީހާއަށް ވަނީ އަނިޔާވަފައި. އެތަނުގައި އޮތްއިރު ހަރަކާތެއް ނެތް. ބޯ އިނީ ފަޅައިގެން ގޮސްފައި." ވާފިރު ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން ހުރި މީހާއަށްވެސް އެކި ކަހަލަ އަނިޔާ ލިބުނު ކަމަށް ވާފިރު ވިދާޅުވިއެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ ދެތިން ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުންނާބުން ތަންކޮޅެއް ހަލާކުވެ، ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ވާފިރު ވިދާޅުވިއެވެ.

މި ދެމީހުންނަށް އިތުރު ފަރުވާ ދިނުމަށް ލޯންޗުގައި މިހާރު ކުޅުދުއްފުއްޓަށް ފޮނުވާފައިވާ ކަމަށް ވާފިރު ވިދާޅުވިއެވެ.

ވާފިރު އިތުރަށް ވިދާޅުވީ، ފެންނަ ފެނުމަށް ސައިކަލު ދުއްވާފައި ދިޔައީ އާންމުކޮށް ދުއްވާ ސްޕީޑްގައި ކަމަށާއި ސައިކަލު ބުރަކި ޖައްސާފައި ހުރިއިރު، އެހާ ބޮޑަށް ކަހާލައިގެން ގޮސްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޅައްބަ އެހާ ބޮޱަކަށް ކަހާލައިގެންނުދޭ 60 ފޫޓަށް ކަހާލީ