މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުލުހުން މަގުމައްޗަށް ނެރެފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއަރ އޮފިސަރުންވެސް ހިމެނޭގޮތަށް މަގުމަތީގައި އިތުރު ފުލުހުން އިއްޔެއިން ފެށިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން އިދާރީ ބަހާތަކުން 165 ފުލުހުންނާއި ސީނިއަރ އޮފިސަރުންގެ 44 އޮފިސަރުން ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް މަސައްކަތްކުރަމުން ކަމަށެވެ.

މިގޮތުން ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތްކުރަމުން ދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ، މިދިޔަ އަހަރު ތެރޭގައި މާލެ ސިޓީ ފުރަބަންދަކަށް ދިއުމާއި ގުޅިގެންވެސް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންވަނީ މިގޮތަށް އޮޕަރޭޝަނަލް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަން ފާހަގަކުރައްވާފައެވެ.

2019 ން 2024 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ބިނާކޮށްފައިވާ މައިގަނޑު އެއް އަސާސަކީ ފްރަންޓްލައިން ފަސްޓުގެ ސިޔާސަތެވެ. އަދި ފުލުހުންގެ އިންސާނީ ވަސީލަތުގެ ބޮޑުބައެއް ކޮވިޑް-19 ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާއިރު، ފުލުހުން ތަފާތު ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމުގައިވެސް ބުރަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަން ޖެހެެެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ވަނީ މަތިވެފައެވެ. އެގޮތުން އިއްޔެ އާ ހަމައަށް ރާއްޖެއިން 16,410 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެލެނިވެރިއެއް

    އަދިވެސް ސްކޫލްތައް ބަންދު ނުކޮށް އިތުރު ހަރަކާތްތައްވެސް ބޭއްވޭތޯ ބަލާތި. މިހާރުވެސް ބައެއް ސްކޫލް ތަކުގަ ކުދިން ސްކޫލްއަށް ގެންގޮސްގެން ބޭންޑް، ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދޭ. ހާލަތު މިހާ ގޯސްވާއިރުވެސް ކުދިންނާ ދޭތެރޭ ވިސްނާ ލުމެއް ނެތީތޯ.

  2. މަންނު

    ބަނޑުލާފަ ހުރި ފުލުންނެއް ނެރެފަ އެހެރީ އެކަމް..

    4
    2