ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް އަރައިފިއެވެ.

އިއްޔެ އާއި ހަމައަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގޮސްފައި ވަނީ 173 މީހަކަށެވެ. އެހެން ނަމަވެސް މިއަދު އިތުރު 15 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. މިއާއެކު ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދުތައް ވަނީ 193 އަށް އަރާފައެވެ. މިއީ ރެކޯޑެކެވެ.

މީގެ ކުރިން 192 މީހަކަށް މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ވަނީ ފަރުވާ ދީފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާއި ގުޅުން ހުރި އިދާރާތަކުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ، ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވަމުންނެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އިންސައްތަ އިތުރުވާނަމަ، އެނދުތައް ފުރިދާނެ ކަމަށްވެސް ބުނެފައެވެ. އެހެން ކަމުން މިކަމުގެ ނޭދެވޭ އަސަރު ކޮވިިޑް-19 ނޫން އެހެެން ބަލިތަކަށްވެސް ކުރާނެ ކަމަށާއި، ރައްކާތެރިިވެ ތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިވަގުތު އިތުރުވަމުން އަންނަނީ ކޮވިޑް-19ގެ އާ ވައްތަރެއް އުޅޭތީ ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16،547 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު 2،014 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ފައްސިވާ ގިނަ ވޭދަނަތައް ފެންނަމުން ދަނީ މާލެ ސަރަހައްދުންނާއި، ރިސޯޓުތަކުންނެވެ. މާލެ ސަރަހައްދުން ގިނަ ވޭދަނަތައް ފެންނަން ފެށުމާއެކު މިހާރު ވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައެެވެ.