ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ވުރެ ބޮޑަށް އެދިވަޑައިގަންނަވަނީ މިހާރު ކަނޑައަޅާފައިވާ ތާރީޚަށް އިންތިޚާބު ބާއްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ސަބަބުން އަމަލު ކުރަން ޖެހިފައިވާ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ ގޮތުގެ މައްޗަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންގެ ސަބަބުން އިންތިޚާބު އަވަހަށް ބޭއްވިދާނެ ކަމާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

"ކައުންސިލްތަކުގެ އިންތިޚާބު ލަސް ކުރުމަށް ސަބަބާއި ހުއްޖަތް ހޯދުމަށް ވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެ ކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އިންތިޚާބު ބާއްވަން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއާ މެދު އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ކުރައްވަން ވެސް އެ ކޮމިޝަނުން މިހާރު ނިންމަވާފައިވެއެވެ. އަދ އެ ކޮމިޝަންގެ ބައެއް މެންބަރުން މިހާރު ވެސް ވަނީ އަންނަ ޖޫން މަހަށް އިންތިޚާބު ފަސް ކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެންނެވެ. މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    މަނިކުފާން ބޭނުން ދުހަކު ބޭނުން ކަމެއް ކުރަންވީ ވަގުތު ޖެހުނީމަ ވެރިކަން ވައްޓާލާނަން.

    4
    1
  2. ގަމާރު

    ކިހާބޮޑުވެލާއެއް މިދެން

  3. މަސްއޫދު

    ރައްޔިތުންނަށް އޮޅުވާލަން ތިގޮތައް ތިޔަވާހަކަ ދައްކަނީ! އަމަލާ އިދިކޮޅަށް ވާހަކަދައްކާ ބޮޑު ދޮގުވެރިއެއް!

    1
    1
  4. ކޮރަލް

    ރައްޔިތުންނާ ދޭތެރޭ ވިސްނާ މީހެއް ނޫނެވެ. ބޭނުންވަނީ ބާރާއި ނުފޫޒެވެ. ކޮވިޑް ގެ ސަބަބުން އެއްތަނުން އަނެއް ތަނައް ދާން ވެސް ވަނީ އުނދަގޫ ވެފަ އެވެ. އެކަމު މީނަ އިންތިހާބަކާ ހެދި އެވެ.

    2
    2