އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބައެއް އޮފިސަރުންނާއި ހިނގި ކުރިމަތިލުންތަކުގެ ތެރެއިން ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހިމަށް އަނިޔާ ކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލައި އަވަސް ފިޔަވަޅެއް އެޅުމަށް މި ދެ ޕާޓީ ހިމެނޭ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ޝަހީދު ހިމެނޭ ގޮތަށް ހަތަރު މީހަކު ވަނީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި މި ހަތަރު މީހުންގެ ތެރެއިން މިހާތަނަށް އަދި އެކަކު ވެސް ދޫކޮށްފައެއް ނުވެއެވެ.

ޕީޕީއެމްއާއި ޕީއެންސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ފުލުހުންނާއި ފުލުހުންގެ ބައެއް އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެ ގޮތުން މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމާއި ބައިވެރިންނަށް އަނިޔާ ކުރަމުންދާ ކަމަށާއި އެ ގޮތަށް އެ އަމަލުތައް ހިންގަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ސީދާ އަމުރަށް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. ޝަހީދަށް ވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މި އަމަލުތަކަކީ އެންއައިސީއާ އެޗްއާރުސީއެމް އިން ބަލައި ވީހާވެސް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ މައްސަލަތަކެއް ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ ބަޔާނުގައިވެއެވެ.

މާލޭގެ މަގުތަކުގައި އިދިކޮޅުން ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންދާއިރު އެ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ ކަމަށް ޕީޕީއެމް އަދި ޕީއެންސީ އިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައި "ސީދާ ހަރަކާތް" އަށް ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެގޮތަށް ނިންމީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމުންނެވެ.

މިފަދަ މުޒާހަރާތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދައެވެ. ގިނަ ފަހަރަށް މި ގޮތަށް ހައްޔަރު ކުރުމަށް ފަހު އިރުތަކެއް ނުވަނީސް ދޫކޮށްލައެވެ. އެކަމަކު މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރިއެވެ. އެކަމަކު ކޯޓުން އެ ދެ ބޭފުޅުން ދޫކޮށްލީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަހެރި

    ހިޔުމަން ރައިޓިސް ހޭލަންވެއްޖެއްނު ދިވެހިނަށް ވަރުފަށެއް އެބަކުރެއި ޚާއްސަކޮށް އިންސާފު ހޯދުމަށް ނުކުންނަ މީހުންނަށް.

  2. ޢަލިބެ

    ގޭގަ ނަމާދަށް ހުޓާ ތޯ މި ޢަނިޔާ ކު ރީ.