ގދ. މަޑަވެލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަޑަވެލި ހެލްތު ސެންޓަރުން މިއަދު ވިދާޅުވީ އެ ރަށުގައި ކަރަންޓީންގައި ތިބި މީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވެގެން އިއްޔެ ނެގި ސުންކުތަކުގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލުތަކަށް ފުރިހަމަ އަމަލު ކުރަން ހެލްތު ސެންޓަރުން ވަނީ އެދިފައެވެ. ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ލަސްނުކޮށް މަޑަވެލި ހެލްތު ސެންޓަރަށް އެންގުމަށް އެ ސެންޓަރުން އެދެއެވެ.

ހެލްތު ސެންޓަރުން ވަނީ މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރަށު ތެރޭގައި ދޮގު މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުން ފައްސިވެ 54 މީހަކު ވަނީ ނިޔާވެފައެވެ.