ގދ. ގައްދޫ ކައިރި ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ގައްދޫ ކައުންސިލް މެމްބަރަކު "ވަގުތަށް" މިއަދު ވިދާޅުވީ ހެނދުނު ނުވައެއް ޖަހާ ކަންހާއިރު، އެ ކުއްޖާ ދަތުރު ދިޔައީ އިތުރު ބަޔަކާ އެކީގައި ކަަމަށެވެ. އެމީހުން ދަތުރު ދިޔައީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަތުރު ދިޔަ މީހުންގެ ތެރެެއިން އެ ދިވެހި ފިރިހެން ކުއްޖާ އަށް އަނިޔާވީ، އެ ރަށުގައި ހުރި ފާރެއް ގައިމައްޗަށް ވެއްޓިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި ފުރާވަރު އުމުރުފުރައިގެ އިތުރު ފިރިހެން ކުއްޖަކަށް ވެސް އަނިޔާވި އިރު، އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެކަމަކު، ބޮޑަށް ގެއްލުން ލިބުނީ 17 އަހަރުގެ ފިރިހެން ކުއްޖާ އަށް ކަމަށާއި އެ ކުއްޖާ އަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން ޓޫރިޒަމްގެ މަސައްކަތް ކުރި ތަނެއް އެއީ. 12 ވަރަކަށް އަހަރު ވެދާނެ މަސައްކަތް ނުކުރާތާ. ކައުންސިލަށް ވެސް އެނގިފައެއް ނެތް ދިޔަކަން. އަނިޔާވެފައިވޭ އެހެން ކުއްޖަކަށް ވެސް އެ ކުއްޖާ ވެސް ވީ، ތިނަދޫ ހޮސްޕިޓަލްގައި،" ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.

"އަރި އަޅާލާފައި ހުރި ބިއްގަނޑެއް ވައްޓާލުމަށް ތަނބެއް ހަލާކުކޮށްލަން އުޅުނު ކަމަށް ވަނީ. މިއީ ސަމާސާއަކަށް ކުރި ކަމެއް ކަމަށް ބެލެވެނީ،"

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އެ ހޮސްޕިޓަލަށް އެ ކުއްޖާ ގެނައީ މިއަދު 11:30 ހާއިރު ކަމަށެވެ. އެ ކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ގެނައީ ގައްދޫ ހޮސްޕިޓަލްގައި ފަރުވާދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެހާދިސާގައި ކުއްޖާގެ އަތާއި ފަޔަށާއި ބޮލަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އެ ކުއްޖާ އަށް އައިސީޔޫގައި ފަރުވާދެމުން ދަނީ ސިޓީ ސްކޭން ހެދުމަށް ފަހުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވެރިން

    އަވަސް ޝިފާއަކަށް އެދެން، ޕޮލިހުނގެ ހަބަރެއް ނުވާނެ އެއް ނޫން އެމީހުން ބިޒީ ސްޓިކާ ޖެހުމުގަޔާ ޖުރުރުމާނާ ކުރުމުގަ ބަޖެޓަށް ލަރީ ހަމަކުރަން

    3
    2