ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާ ހިލާފަށް ފުލުހުންގެ ލޯންޗެއްގައި ބަޔަކު ސ. ހުޅުމީދޫން ބޭލިކަމަށް ބުނެ ފާޑު ކިޔުން އަމާޒުވާން ފަށައިފިއެވެ. އެކަމަކު، މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ފުލުހުންގެ ލޯންޗުގައި ބަޔަކު ބޭލީ ހުއްދަ ނަގައިގެން ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިހާރު، ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ އެއް ރަށަކީ ހުޅުމީދޫއެވެ. އެހެންވެ، ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ރަށުން ބަޔަކު ބާލާފައި ވަނީ ފުވައްމުލަކުން ދިޔަ ލޯންޗެއް ހުޅުމީދޫ އަށް ކައިރި ކުރުމަށް ފަހުއެވެ. އެ ރަށުގައި މަސައްކަތް ކުރާ ސިވިލް ފުލުހަކާއި އޭނާގެ އަނބިމީހާ ލޯންޗުގައި ހިތަދޫ އަށް ދިޔަ ކަމަށްވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމަފިރިން ވެސް ފުރީ އައްޑޫ ސިޓީ ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނަގައިގެން ކަމަށެވެ.

"އެއީ ނަގަން ޖެހޭ ހުއްދަ ކައުންސިލުން ލިބިގެން ފުރި ދެ މީހުން. މީދޫ ކައުންސިލުން ހުއްދަ ދިނީ. ހުއްދަ ދޭ ފަރާތްތަކަށް މޫވް ކުރެވޭ. އެއީ ފުލުހަކު ވެގެން ކުރި ދަތުރެއް ނޫން. އެހެން އާންމުންނަށް ވެސް އެގޮތަށް ހުއްދަ ދޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ފަދައިން މީދޫ އަވަށު އޮފީހުން އެ ދެމަފިރިން ފުރަން ހުއްދަ ދީފައިވޭނެތޯ ސުވާލުކުރުމުން، މީދޫ ކައުންސިލަރ ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭނާ ވިދާޅުވީ އެފަދަ މައުލޫމާދެއް ލިބިފައި ނުވާ ކަމަށެވެ.

"އެފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތް." އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ މީހުން ފުރީ ހުއްދަ ނުހޯދާ ކަމަށް އަޑު ފެތުރޭތީ އެކަން ސާފުކޮށްދިނުމަށް އެދުމުން އެ ސުވާލަށް ކައުންސިލުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަބްރީ

    ކޮން ހުއްދަ އެއް. ކޮވިޑަށް އެނގެނީތަ ހުއްދަ؟ ބޮޑެތި ބާރު ހުރި މީހުންނަށް ރަށުން ދެވިފައި އާރެއް ބާރެއް ނެތް މީހާ ތިޒާތުގެ ހުއްދަ ނުލިބޭ. ދެން ކިޔަނީ ހުއްދަ ނަގައިގެންނޭ. ތީ އަސްލު ނުފޫޒު ފޯރުވުމަކީ.

    6
    2
  2. އަންނި

    ހުއްދަ އޮތިއްޔާ އޯކޭ.