މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮޖީގެ ފަރާތުން އިންޓަރނެޓްގެ ރައްކާތެރިކަމާއިގުޅޭ ގޮތުން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި މުޅިން އަލަށް ފަށާޕްރޮގްރާމެކެވެ.

މިފްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، އިންޓަނެޓަކީ އިންސާނިއްޔަތަށް ލިބުނު އެންމެ ބޮޑު އެއް ރިސޯސް ކަމަށާއި އެހެން ކަމުން އިންޓަނެޓް ބޭނުން ކުރުމުގައި ގިނަ ކަންކަމުގައި ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްއިން ރާއްޖެއިން އަދި ހާއްސަކޮށް ސްކޫލްތަކުން ސޭފާ އިންޓަނެޓް ޕްރޮމޯޓް ކުރެވޭނެ ވަރުގަދަ އެމްބެސެޑަރުން އުފެދިގެން ދާން ކަމަށް އުއްމީދު ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ މިޕްރޮގްރާމުގެ އަމާޒަކީ އިންޓަނެޓް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާއިމެދު ކުދިން ހޭލުންތެރި ކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތް ކިޔަދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތް ކިޔައިދިނުން ކަމަށެވެ.

މީގެ އިތުރުން މިމަޢުލޫމާތުގެ އަލީގައި ދިމާވެދާނެ ގޮންޖެހުންތަކާއިމެދު އެހެން ކުދިން ހޭލުންތެރި ކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒު ކުރެވިގެން ކުރިއަށްދާ މި ޕްރޮގްރާމްގައި 12 ދަރިވަރަކު ބައިވެރިވެއެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބައެވެ. މިޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ޕްރައިވަސީއާއި ސެކިއުރިޓީ، ސައިބަރ ބުލިއިންގ، މޯރަލް ކޮމްޕަސް، އަދި ޑިޖިޓަލް ފްރެންޑްޝިޕްފަދަ ބައިތައް ހިމެނެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ މިނިސްޓްރީގެ ޕާރޓްނަޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުން ކަމަށެވެ.