ކޮވިޑް-19 އަށް އައްޑޫސިޓީން ދެ މީހަކު ފައްސިވެފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އައްޑޫ ސިޓީން ކަރަންޓީނުގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށާއި، ބޭރަށްދާ ކޮންމެ ވަގުތެއްގައި މާސްކު އަޅުއްވައިގެން އެޗް.ޕީ.އޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް އެރަށުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި އެރަށެއްގައި ގާއިމު ކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އާއި މަޝްވަރާ ކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަ ޖެއްސުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ތިން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިއަދުން ފެށިގެން އެރަށަށް މީހުން އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

އައްޑޫސިޓީ ހިތަދޫއިން ކޮވިޑް-19 އަށް ދެ މީހަކު ފައްސިވެގެން އަރާފޭބުން މަނާ ކޮށްފައިވާއިރު، އެ ސިޓީގެ ހުޅުމީދޫއިންވެސް 24 މީހަކު ފައްސިވެގެން ރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިހާދު

    ކޮބާ ކުރީގެ މެންބަރ މިހާރުގެ އެމްޑީޕީގެ މޭޔަޔުކަމުގެ ޓިކެޓް ލިބުނު ކުރީގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ނުލިނުބު ބޭފުޅާ ދެން އަވަހަ އާ ބަޔާންނެރޭ ސޯބެޔާ ދެކޮޅަ އާ އޭރުން ނިމުނީ