އދ އިން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 3 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ވޯލްޑް ބައިސްކަލް ޑޭ އާއި ގުޅުވައިގެން ބައިސްކަލް ދުއްވުމުގެ ހަރަކާތެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ބާއްވަން ނިންމާފައިވަނީ އެންވަޔަރަމެންޓް މިނިސްޓް ރީއާއި ބައިކް މޯލްޑިވްސް އާއި ގުޅިގެންނެވެ.

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޒާހިރު ވިދާޅުވީ މި ހަރަކާތަކީ ތިމާވެެއްޓާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

"މިހަރަކާތުގެ ދަށުން މާލޭގެ ވަކި ސަރަހައްދެއްގައި ބައިސްކަލް ދުއްވާލަން މި ވަނީ ހަމަޖެހިފައި. މި ހަރަކާތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ " މުހައްމަދު ޒާހިރު ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްގެ ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހަރަކާތް ފަށަން ގަސްތުކޮއްފައި ވަނީ މިރޭ 9:50 ގައި ރަސްފަނުން ކަމަށާއި އަދި 10:00 ގައި ޖަލްސާއެއް ބާއްވާގޮތަށް ދެން އެއަށް ފަހު ބައިސްކަލް ބުރެއް ބާއްވާގޮތަށް ކަމަށެވެ.

ބައިކް މޯލްޑިވްސްއަކީ، ބައިސްކަލުގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެށި ހިމާޔަށް ކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށްގެން ކަސްރަތުކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު ފެށި ހަރަކާތެކެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ސަބަބުން، އަހަރެމެންގެ މި ނާޒުކު ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތައް ލިބެއެވެ. މީގެ އިތުރުން ކަސްރަތެއް ނުކޮށް، ސައިކަލާއި ކާރުފަދަ ތަކެތީގައި އުޅެން ޖެހުމުން ހަށިގަނޑަށް ބުރަހެލިކަންވެސް ލިބެއެވެ.