ގދ. ތިނަދޫގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އައްޑޫން ގދ. ތިނަދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ ރޭގެ ވަގުތެއްގައެެވެ. އެ މީހާއަކީ އިއްޔެ އައްޑޫ ސިޓީ ހިތަދޫން ފައްސިވި ދެ މީހުންނާ ގާތުން ބައްދަލުވި މީހެއް ކަމަށް ވާތީ އެ ރަށުން ފައްސިވީ ހިތަދޫ އިހާ (ކްލަސްޓާ) ގައި ހިމެނޭ މީހަކެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެ ރަށުން ކޮވިޑަށް ފައްސިިވި މީހާއާ ގާތުން ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް އެ ރަށުގައި ތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއީ އައްޑޫ އިހާ އާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

"އައްޑޫ ސިޓީ އިން ޕޮޒިޓީވް ވި ކޭސްގެ ޑައިރެކްޓް ކޮންޓެކްޓެއް މި ޕޮޒިޓީވް އީ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަދޭ. ރެންޑަމް ސާމްޕްތައް ވެސް އެބަ ނަގާ، އެކަމަކު ރޭންޑަމް ސާމްޕްލިން އާއި އެ ކޭސްއާ ގުޅުމެއް ނެތް." އޭނާ ވިދާޅުވިއެވެ.

ތިނަދޫ މޮނިޓަރިން އަށް ލުމުން އެކަމުގެ ސީދާ އަސަރު ރަށުގެ ވިޔަފާރިތަކަށް ކުރާ ކަމަށް އެ ރަށު ކައުންސިލް މެމްބަރަކު ވަނީ "ވަގުތު" އަށް ވިދާޅުވެފައެވެ. އަދި އެ ރަށަކީ ގއ. އަދި ގދ. ދެ އަތޮޅުގެ ރައްޔިތުން ގިނަ އަދަދަކަށް ދާ ރަށަކަށް ވުމުން މޮނިޓަރިން އަށް ލުމުން ގިނަ ދަތިތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ރޭގަ އަނެއްކާ ޕޮޒިޓިވް ވީ ކޭސްއެއް، އެހެންވެ އަނެއްކާ މޮނިޓަރިން އަށް ލީ. ދެން ރެންޑަމް ސާމްޕްލިންގައި 400 ވަރަކަށް ސާމްޕަލް ނަގާފައި ވަނީ. މިއަދު ވެސް ނަގާނެ. ރަށު ތެރޭގެ ހާލަތު އަނެއްހެން ގޯހެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ. ކުރީ ދުވަހު މޮނިޓަރިން އަށް ލީމަވެސް ވަރަށް ބޮޑަށް ރަށުގެ ވިޔަފާރިތައް އޮތީ ހުއްޓިފައި. އެންމެ ދުވަހަކު މޮނިޓަރިން އަށް ލިޔަސް ވިޔަފާރިއަށް އަސަރުކުރޭ. އެއީ މި ރަށަށް ވަރަށް ގިނަ މީހުން އާދޭ ގއ، ގދއިން އެކި ބޭނުމަށް،" އޭނާ ވިދާޅުވިއެވެ.

އައްޑޫއިން ގދ. ތިނަދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން، ތިނަދޫ މޮނިޓަރިން އަށް ލާން ނިންމާފައި މި ވަނީ އެ ރަށް މޮނިޓަރިން އިން ނެގިތާ ދެ ދުވަސް ފަހުންނެވެ. އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.

މީގެ ކުރިން އެ ރަށް މޮނީޓަރިން ހާލަތަށް ލާފައި ވަނީ އެ ރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ. އެ މުވައްޒަފު ފައްސިކަން އެނގުނީ، ތިނަދޫގައި ދުވަސްތަކެއް ވަންދެން މަޑު ކުރުމަށްފަހު އެނބުރި މާލެ އައި ފަހުން ހެދި ޓެސްޓުންނެވެ. އެ ދެ މީހުންނަކީ ހާއްސަ ހުއްދައިގެ ދަށުން އެރަށަށް ދިޔަ ދެ މީހެކެެވެ.