އައްޑޫ ސިޓީ އިން ކޮވިޑް-19އިގެ ވޭދަނަަތައް ފެންނަމުންދާތީ، ބަލި ޖެހުނު މީހުންނާއި ބައްދަލުވި މީހުން ފްލޫ ކްލިނިކަށް ނުދިއުމަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިލްތިމާސްކޮށްފިއެވެ.

ކަރަންޓީންގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އައްޑޫ ސިޓީ އަށް އަރާ ފޭބުން މަނާކޮށްފައި ވާއިރު އެ ދެމީހުންނާއި ގާތުން އެއްތާވި އިތުރު ބައެއް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެއާއި އެކު އައްޑޫ ސިޓީގެ ފްލޫ ކްލިނިކް ވަކިކޮށް ފަރުވާ ދޭން ވަނީ ފަށާފައެވެ. ކުރީގެ ހޮސްޕިޓަލް ހުންނަ އިމާރާތުގައި ފްލޫ ކްލިނިކް އަލުން ހުޅުވާ ޚިދުމަތް ދޭން ފަށާފައި ވަނީ މިއަދު 12:00ގައެވެ.

އޭއީއެޗްގެ މެނޭޖަރ ޝަރަފް ސަދާތު "ވަގުތު" އަށް ވިދާޅުވީ ބަލި ޖެހުނު ބައެއް މީހުންނާއި ބައްދަލުވި މީހުންވެސް ބައެއް ފަހަރު އަވަހަށް ޓެސްޓު ކުރުމަށްޓަކައި ފްލޫ ކްލިނިކަށް ދާން ބޭނުންވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެއީ ރައްކާތެރި ގޮތެއް ނޫން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

" އެންމެ ފުރަތަމަ ކޮވިޑް ޕީކަށް ދިޔަ އިރު ފްލޫ ކްލިނިކް ގާއިމް ކުރީ. ދެން އެތަނަށް ދާ މީހުން މަދުވީމަ ދެ މަސް ކުރިން ހޮސްޕިޓަލަށް އެތަން ބަދަލު ކުރީ. ދެން މިހާރު އޮތް ހާލަތުން ހޮސްޕިޓަލަށް އައުން ސޭފް ނުވީމަ ވަކި ކުރީ. އެތަނުގައި ތިބޭނީ ހޮސްޕިޓަލުގެ ސްޓާފުން. އެތަން ބަލަހައްޓާނީ ހޮސްޕިޓަލުން. ގާތުން އެއްތާވި މީހުންނާއި ސިމްޓޮމްސް ހުރި މީހުން ގޭގައި މަޑުކޮށްލުން އެދެނީ. އެއީ ސޭފް ގޮތަކީ. އަޅުގަނޑުމެން ދާނަން ސުންކު ނަގަން." އޭނާ ވިދާޅުވިއެވެ.

ޝަރަފް މިފަދައިން ވިދާޅުވެފައި މި ވަނީ ބަލީގެ އަލާމާތްތައް ހުރި ބައެއް މީހުން ކްލިނިކަށް ދާ ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ، އެ ސިޓީގެ ހުޅުދޫ އާއި މީދޫވެސް އޮތީ މޮނީޓަރިންއަށް ލާފައެވެ. އެރަށް މޮނީޓަރިންއަށް ލާފައިވާއިރު، އެރަށުން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރާފައެވެ.

ކޮވިޑް-19 އަށް އައްޑޫސިޓީން ދެ މީހަކު ފައްސިވެފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ހޮސްޕިޓަލަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި އެރަށެއްގައި ގާއިމު ކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އާއި މަޝްވަރާ ކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަ ޖެއްސުމަށްވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އައްޑޫއިން ގދ. ތިނަދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެ އެ ރަށް ވެސް ވަނީ މޮނިޓަރިން އަށް ލާފައެވެ. އެ މީހާއަކީ އިއްޔެ އައްޑޫ ސިޓީ ހިތަދޫން ފައްސިވި ދެ މީހުންނާއި ގާތުން ބައްދަލުވި މީހެއް ކަމަށް ވާތީ އެ ރަށުން ފައްސިވެފައިވާނީ ހިތަދޫ އިހާ (ކްލަސްޓާ) އަށް ނިސްބަތްވާ މީހެކެވެ.