އަމިއްލަ ޓްވިޓާ އެކައުންޓުން ކުރާ ޓްވީޓުތަކަކީ ފުލުހުންނަށް މައުލޫމާތު ދިނުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

މިއަދު 11:00 އަށް ތާވަލުކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މަހްލޫފުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާގެ އަޑުއެހުމެކެވެ. އޭނާ މި މައްސަލަ ކުރިއަށް ގެންދަނީ ވަކީލަކާއި ނުލައެވެ. މި ދައުވާ އަކީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށް ވިދާޅުވެ މަހުލޫފް ކުރެއްވި ޓްވީޓާއި ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ބޮޑަށް ބަހުސް ކުރެވިގެން ދިޔައީ ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް މައުލޫމާތު ދިނުމަކީ ކޮބައިކަމާއި ބެހޭގޮތުންނެވެ.

މިއަދު ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ ޝުކުރުﷲ ޝަކީރު ވިދާޅުވީ މައުލޫމާތު ދިނުމަކީ އާންމު މިންގަނޑުން ބަލާނަމަ ފޯރު ކުރުން ނުވަތަ ރައްދު ކުރުން ކަމަށެވެ. އަދި މަހްލޫފުގެ ޓްވީޓަކީ ގާނުނު ތަންފީޒު ކުރާ މުވައްސަސާތައް އިސްތިސްނާ ނުވާ ގޮތައް މުޅި މުޖްތަމައުއަށް ހުޅުވިގެން ދިން މައުލޫމާތެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ފާހަގަ ކުރެއްވީ މަހްލޫފުގެ ޓްވީޓަކީ އޭނާ އަމިއްލަފުޅަށް ކުރެއްވި ޓްވީޓެއްކަން އޭނާ ފުލުހުންނަށް ދެއްވި ބަޔާނުން އެނގެން އޮންނަ ކަމެވެ. އަދި މަހްލޫފުގެ ޓްވީޓުުގައި ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން ކަރެކްޝަންސްގެ ސިޓީއަކުން އެނގެން އޮންނަ ކަމެވެ. އަދި ފުލުހުން އޭނާގެ ޓްވީޓުގެ މައްސަލަ ތަހުގީގު ކުރުމުން އެކަމުން ދޭހަވަނީ ފުލުހުންގެ މުވައްސަސާއަށް ވެސް އެކަމުގެ ދޮގު މައުލޫމާތު ދެވިފައިވާކަން ކަމަށެވެ.

ދިފާއުގައި މަހްލޫފު ވިދާޅުވީ އޭނާ ޓްވީޓު ކުރެއްވި ކަމަށާއި، ރޭގައިވެސް ޓްވީޓު ކުރެއްވި ކަމަށާއި އަދި ޓްވީޓު ކުރުމަކީ މަނާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޓްވީޓު ކުރެއްވީ އޭގައިވާ ވާހަކަތައް ކުރެވިފައިވާ ތަޖުރިބާތަކުގެ ސަބަބުން ގަބޫލުފުޅު ކުރައްވާތީ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އެގޮތުން ދާދި ފަހުން މާފުށީ ޖަލުގައި މަރުވި އަލީ އަބްދުﷲގެ މަންމަ ވެސް އަލީ އަބްދުﷲ ގަސްދުގައި މަރާލި ކަމުގެ ތުހުމަތު ކުރާ ކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ. އަދި ކާނަލް ނާޒިމް އާއި އެއްކޮށް ޖަލުގައި ހުންނެވި އިރު ކާނަލް ނާޒިމްގެ ލޮލަށް އިންފެކްޝަންއެއް ޖެހި އިންފެކްޝަން އަމިއްލައަށް ރަނގަޅުވިއިރުވެސް ބޭސްފުޅި ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިޖުރާއަތުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން "ގާނޫނު ތަންފީޒު ކުރާ އިދާރާ" ތަކަކީ ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ އިދާރާތައް ކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ. އަދި ކަރެކްޝަންސް އަކީ ތަހުގީގު ހިންގާ އިދާރާއެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ. މަހުލޫފު ދިފާާއުގައި އިތުރަށް ފާހަގަ ކުރެއްވީ ފުލުހުންގެ އާންމު ގަވާއިދުގައި މައްސަލަ ހުށަހަޅާ ގޮތައް ބަޔާން ވެފައި އޮންނަ ކަމަށާއި އެ ގަވާއިދުގެ ދަށުން ޓްވީޓު ކުރުމަކީ މައުލޫމާާތު ހުށަހެޅުން ކަމަށް ބަޔާން ވެފައި ނޯންނަ ކަމަށެވެ. އަދި ކުރާ ޓްވީޓަކީ ފުލުހުންނަށް މައުލޫމާތު ދިނުން ކަމުގައިވާނަ ހުރިހާ ރައްޔިތުން ކުރާ ޓްވީޓުތައް ވެސް މައުލޫމާތު ދިނުން ކަމުގައި ވާނެ ކަމަށް ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުގެ ވަކީލު ޝުކުރުﷲ ވިދާޅުވީ ފުލުހުންގެ އާންމު ގަވާއިދުގައި އޮތީ މައްސަލަ ހުށަހަޅަން ބޭނުންވާ އިޖުރާއަތްތަކެއް ކަމަށާއި އެއީ މައުލޫމާތު ދިނުމަށް އޮތް ގޮތްތަކެއް ނޫން ކަމަށެވެ. އަދި އާންމު ފޯރަމްތަކުގައި މީހުން ދައްކާ ވާހަކަތައް ވެސް ފުލުހުން ތަހުގީގު ކުރާ ކަމަށާއި މިއީވެސް އެފަދަ ހާލަތެއް ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދެއްކެވިއެވެެ. އަދި ކަރެކްޝަންސްގެ އިހުމާލުން ގައިދީއަކު މަރުވެފައިވާކަން ކަނޑައެޅިގެން ރަސްމީކޮށް ފެންނާން ނެތް ކަމާއި އެކަމާއި ބެހޭގޮތުން އެޗްއާރްސީއެމް އިންވެސް މައްސަލައެއް ފާހަގަކޮށްފައި ނުވާކަން ޝުކުރުﷲ ފާހަގަ ކުރެއްވިއެވެ. ޝުކުރުﷲ ވިދާޅުވީ ކަރެކްޝަންސް އަކީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރަން ހުންނަ މުވައްސަސާއެއް ކަމަށާއި އެހެން ކަމުން އެއީ ގާނުނު ތަންފީޒު ކުރާ އިދާރާއެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވަނީ މަހުލޫފު ޓްވީޓު ކުރެއްވުމުގެ މަގުސަދަކީ ކޮބާ ކަމާއި އޭނާގެ ޓްވީޓަކީ މައުލޫމާތު ދިނުން ކަމަށް ގަބޫލުފުޅު ކުރައްވާތޯ މަހުލޫފަށް ސުވާލު ކުރައްވާފައެވެެ. މަހުލޫފު ވިދާޅުވީ އެ ޓްވީޓަކީ މައުލޫމާތު ދިނުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އޭނާ ޓްވީޓު ކުރެއްވީ ހަގީގަތުގައިވެސް މީހުން މަރަމުންދާ ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށް ތަކުރާރު ކުރެއްވެވިއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ތާރީހު ފަހުން އަންގާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.