ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖް ކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަގާމަށް ޔަޒީދު އަހުމަދު މިއަދު އައްޔަންކޮށްފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކޮށްފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު" ގެ ދަށުން އުފައްދާފައިވާ އޮތޯރިޓީއެކެވެ. ގާނޫނު ބުނާ ގޮތުން އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްއެވެ. އެއީ ސިވިލް ސާވިސް މަގާމެކެވެ.

މި މަގާމަށް ޔަޒީދު އަހުމަދު އައްޔަން ކުރުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މިއަދު އޭނާއާ ބައްދަލުކުރައްވައި މަގާމުގެ ފަތްކޮޅު ވަނީ ހަވާލު ކުރައްވައިފައެވެ.

އަދި ދާއިރާގެ ރެގިއުލޭޓަރީ މަސައްކަތްތައް ޔަޒީދުގެ ބެއްލެވުމުގެ ދަށުން ހަރުދަނާކޮށް ތަރައްގީކޮށް ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ޔަޒީދަކީ، ސަރުކާރުގެ އެކި މަގާމުގައި 17 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން 12 އަހަރު ހިންގުމުގެ ދާއިރާގެ ސީނިއަ މަގާމުތަކުގައި އުޅުއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޔަޒީދު އެންމެ ފަހުން އަދާކުރެއްވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރު ކަމުގެ މަގާމެވެ. އޭގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވިއެވެ.

ޔަޒީދު ކިޔަވާ ވިދާޅުވެފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިއަރިންގެ ދާއިރާއިންނެވެ. ޔަޒީދު ވަނީ މިދާއިރާއިން މާސްޓަސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.