2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އެ ކޯޓުގެ އެއް ނަންބަރު އަމުރާއި ގުޅިގެން ނިރުބަވެރިކަމުގެ ތުހުމަތު ކުރެވިގެން ތަހްޤީގުކޮށް ކްރިމިނަލް ކޯޓުގައި ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވާ ނުވަ މީހުންގެ އިތުރުން ފަސް މީހެއްގެ މައްޗަށް ނިރުބަވެރިކަމުގެ ތުހުމަތު ކުރެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ، އެކެއް ފެބުރުވަރީގެ އަމުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޢަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ކްރިމިނަލް ކޯޓުގައެވެ.

ސިނާނުގެ ވަކީލު ނޫރުއްސަލާމް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު އެސިސްޓަންޓް ޕްރޮސެކިއުޓަރ އައިޝަތު މުނާ ސަލީމް ވިދާޅުވީ، މި މައްސަލައިގައި ދައުވާ ކުރެވިފައިވަނީ ނުވަ މީހުންގެ މައްޗަށް ކަމަށާއި، އިތުރު ތިން މީހުންގެ މައްޗަށް ނިރުބަވެރިކަމުގެ ތުހުމަތު ކުރެވޭތީ ތަހްޤީގު ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އެ ތިން މީހުންގެ ތަހްޤީގު ކުރިއަށް ދާއިރު އެ ތިން މީހުންގެ އިތުރުން ދެ މީހެއްގެ މައްޗަށް ނިރުބަވެރިކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ސިނާނުގެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމަކީ ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށާއި، އެ ހުށަހެޅުންތަކަށް ބަހުސްކޮށް، ހުށަހެޅުންތަކާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް ބޭއްވި އިބްތިދާއީ އަޑު އެހުމަކަށްވީއިރު، ދައުލަތުން 3 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.

ދައުލަތުން ހުށަހަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ހެކިބަސް ދޭ ފަރާތްތަކަށް ހިމާޔަތް ލިބިދޭ ގޮތަށް، ދައުވާ ލިބޭ ފަރާތާއި ހެކިބަސް ދޭ ފަރާތާއި އެއް ހާޒިރު ނުވާނެހެން ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން، ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހެކިބަސް ނެގުމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގެ ހެހެކި ރައްކާ ކޮށްދިނުމުގެ އަމުރު ދާއިމީ ކޮށްދިނުމަށާއި، މި މައްސަލައަކީ ހިނގަމުންދާ ތަހްޤީގަކަށް ވާތީ، މި މައްސަލައިގައި ތަހްޤީގު ހިންގަމުންދާ މީހުންގެ ތަހްޤީގުން ސިނާނުއާ ގުޅޭ އައު ހެއްކެއް ފާޅުވެއްޖެނަމަ އެ ހެއްކެއް ޝަރީއަތަށް ހުސަހެޅުމުގެ ހުއްދަ ދެއްވުމަށެވެ.

ނަމަވެސް، ސިނާނުގެ ޤާނުނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، ހެކި ސިއްރު ކުރުމުގެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށާއި، ދައުލަތުން ރައްކާކުރުމަށް އެދިފައިވާ ކިތާބީ ހެކީގެ ތެރެއިން ސިއްރު ހެކިވެރިޔަކީ ކާކުކަން އެނގޭ މައުލޫމާތުތައް އުނިކުރުމަށްފަހު އެ ލިޔުންތައް ދުކޮށްދިނުމުން އެދޭ ކަމަށް އަދި އައު ހެކި ހުށަހެޅުމަށް ފުރުޞަތު ހޯދުމަށް ދައުލަތުން އެދެމުންދަނީ އެކަށީގެންވާ ހެކި ނެތިގެން ކަމަށެވެ.

ދައުލަތުން ހުށަހެޅި ހުށަހެޅުންތަކާމެދު ގާޒީ ހައިލަމް ނިންމެވީ، ދައުލަތުން އެދިފައިވާ ގޮތަށް ހެކިވެރިންނަށް ހިމާޔަތް ލިބިދެވޭ ގޮތަށް ސިއްރުން ހެކިބަސް ނެގުމަށާއި، ހެކި ރައްކާކުރުމުގެ އަމުރު ނެރެދިނުމަށް އަދި އައު ހެކި ޝަރީއަތަށް ބަލައިގަތުމަށެވެ.

ގާޒީ ވިދާޅުވީ، ސިއްރު ކިތާބީ ހެކީގެ ތެރެއިން ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓް ޝަރީއަތުގެ މަޖިލީހުގައި ދިފާއަށް ދިނުމަށް ދައުލަތުން އިންކާރު ނުކުރާތީ އެ ފުރުޞަތު ދިފާއަށް ލިބޭނެ ކަމަށާއި، ނަމަވެސް ސީން އޮފް ކްރައިމް ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓް ސިއްރު ދިފާއަށް ދިނުމަށް ދައުލަތުން އިންކާރު ކުރާތީ އެ ލިޔުންތައް ހާމަކުރެވެން ނެތް ކަމަށެވެ.

ސިނާނުގެ ބަންދާމެދު ވާހަކަ ދެއްކުމަށް މިއަދުގެ ޝަރީއަތުގައި ސިނާނު ފުރުޞަތަކަށް އެދުނު ނަމަވެސް ގާޒީ ހައިލަމް އެ ފުރުޞަތު ދެއްވާފައި ނުވާއިރު، ގާޒީ ވިދާޅުވީ ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ ސިނާނުގެ ބަންދާމެދު ވާހަކަ ދެއްކުން ކަމަށެވެ.