ބޮލަށް އާދަޔާ ހިލާފު ސިއްހީ މައްސަލައެއް ދިމާވެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރި ފަސް މަހުގެ ޔޫސުފް ހާމިދު މުހައްމަދުގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

ޔޫސުފްގެ އާއިލާއިން ''ވަގުތު'' އަށް ބުނީ މިހާރު އެކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އޮޕަރޭޝަންކޮށްފައި ވަނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށެވެ.

މިހާރު ޔޫސުފް އޮތީ އައިސީޔޫގައި އޮޕަރޭޝަނަށް ފަހު ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް އާއިލާއިން ބުންޏެވެ،

އަދި އޭގެ ފަހުން އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށް ޔޫސުފްގެ އާއިލާއިން ބުންޏެވެ.

''ދަރިފުޅުގެ ހާލު އަދި ރަނގަޅު. މިހާރު އޮތީ އައިސީޔޫގައި ބަލަން ޖެހޭ ކަންކަން ބެލުމަށް. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ'' އާއިލާއިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

ޔޫސުފް އަށް ދިމާވި ސިއްހީ މައްސަލައިގެ ސަަބަބުން އާދަޔާ ހިލާފަށް އެކުއްޖާގެބޯ ބޮޑުވިއެވެ. އާއިލާގެ އެދުމާއި އެކު ގިނަ ބަޔަކު ވަނީ ޔޫސުފް އަށް އެހީތެރިވެ ހެޔޮ ދުއާ ކޮށްދީފައެވެ.

މިގޮތަށް އެކި ކަންކަމުގައި ބޭނުން ޖެހޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި އާދަ ދިވެހިންގެ ތެރެއިން އަބަދުވެސް ފެނެއެވެ. މީގެ ކުރިންވެސް އާންމުންގެ އެހީއާއި އެކު ގިނަ ބަޔަކު ވަނީ ބަލިތަކަށް ފަރުވާ ހޯދާ ޝިފާވެސް ލިބިފައެވެ.