ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވާ ފަރުޖައްސާލުމަކީ އީސިއަށް އޮތް އިޙްތިޔާރެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ލަންޑަން އާއި މެލޭޝިޔާގެ ކުއަލަ ލަމްފޫރު ސަރަހައްދުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަން ކަށަވަރުވެފައިވާކަން އިއުލާނު ކުރައްވާ ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ.

އެ ޓްވީޓަށް ރައްދެދެމުން މާލޭގެ މޭޔަރުކަމަށް ވާދަކުރާ އަލްހާން ފަހުވީ ވަނީ އިންތިހާބު ނުބާއްވާނެ ހުއްޖަތެއް ނުދެއްކުމަށް ގޮވާލާފައެވެ. އަދި އެންމެ ގިނަ ދިވެހިން ތިބީ ލަންޑަންގަތޯ ސުވާލު އުފައްދަވާފައިވެއެވެ.

އަލްހާންގެ މި ޓްވީތަށް ރައްދު ދެއްވަމުން ޝަރީފް ވަނީ އިންތިހާބު އިތުރަށް ފަސްކުރުމުގެ ޖާގައެއް ނުވަތަ އިހްތިޔާރެއް އީސީއަށް ލިބިފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އޭޕްރީލް މަހުގެ 10 އެއްވާ ހޮނިހިރު ދުވަހު އިންތިހާބު ކުރިޔަށް ދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަމަލު ކުރަން ޖެހޭ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ އުސޫލުތައް ހިމެނޭ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އިންތިޚާބު ބޭއްވުނަށް ބުރަ ބޮޑު ކަމަކަށް ވެފައި އޮތުމުން އެ ކަމާ މެދު ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ކުރަން އިސީއިން ވަނީ ދާދިފަހުން ނިންމަވާފައެވެ.

އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އިންތިހާބު އިތުރަށް ފަސްކުރެވެން ނެތް ކަމަށާއި މިހާރު ކަނޑައަޅާފައިވާ ދުވަހު އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.