އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، ސަރޓިފިކޭޝަން ސްޓެލްކޯއިން ހާސިލްކޮށްފިއެވެ.

އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ. އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް ސަރޓިފައިކޮށްދީފައިވާ ކަމަށެވެ.

އެހެންކަމުން ސްޓެލްކޯއަށް މިވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ހިދުމަތްތައް ސަރޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިގެންގޮސްފައެވެ.

މި ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑްކަން ފާހަގަކޮށްލެވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދެވިފައިވުން ކަމަށެވެ.

އަދި މި ފެންވަރަށް ކުންފުނި ގެންދެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ އޭނާ ވަނީ އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.

އަދި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މިއަށްވުރެވެސް ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންގެންދަވާނެ ކަމުގެ ޔަގީންކަންވެސް މުޣުނީ ވަނީ ދެއްވާފަ އެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައި ކުރެވިފައިވާއިރު، މިކުންފުނިން ވަނީ ފާއިތުވެދިޔަ ދެއަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ހޯދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔަރގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްވެސް މިކުންފުންޏަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއަށްވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އެމާރޖިންގ ލީޑާރ އޮފް ދި އިޔަރ އެވޯޑް ލިބިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަނާޒާ

    ދެން ކޮވިޑްގެ މިހާލަތުގައި ރައްޔިތުންގެ ގެތަކުން ކަރަންޓް ކަނޑާ ނިންމާލާ. ތިޔައޮތީ ކަމެއްވެފައި

    4
    1
    • ކިސަޑު

      ރައްޔިތުން ފެލަނީ މުވައްޒަފުންނަށް އޯޓީ ދިނުމަށް ބޭކާރުގޮތުގައި ގޮޑި ހޫނުކުރުމަށް 12 ގަޑިއަށްވުރެ ގިނައިރު އޮފީހުގައި ރަސްމީ ގަޑި ކޮފީގައި

      1
      1
  2. ބީރުމީހާ

    ސްޓެލްކޯއަކީ ކަންނުވެ ނަންވާ މުވައްޒަފުން ތިބި ކުންފުންޏެއް ސަރުކާރުނެރޭ ނޫސްބަޔާނަކަށް ބޮލެއްނުލަބާ އެޗްޕީއޭ އަކަށް ނުބަލާ މުވައްޒަފުންނާއި ރައްޔިތުން ފެލަނީ ބާރު ހުރިމީހާއަކީ ލިޔަންކިޔަން ނޭގުނަށް ވެރިންނަށްވާން އުޅެމީހުން ވާދަވެރިކަން އިންޖީނުގެ ތެރޭގައިވަނީ އުފެދިފަ މުގޫއަށް ނޭގޭނެ

  3. އެމަންޖެ

    ދެން ތިކަމުގެ މުނާސަބަތުގަ މިމަހު ބިލައް އިތުރު 50000 އަރުވާލާ.

    2
    1
  4. ޅަބޭ

    ހެހެހެހެ... ކަލޭމެން ބޭނުމިއްޔާ އެމެރިކާގަ އެބާއްވާ އޮސްކާ އެވޯޑާ ގުރެމީ އެވޯޑުވެސް ގަނެވިދާނެ.

    1
    1