އިދިކޮޅު ކޯލިޝަން ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރުވާން އަންގައިފިއެވެ. ޝުޖާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިދިޔަ މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއާ ގުޅިގެންނެވެ.

އެ މުޒާހަރާއާ ގުޅިގެން މީގެކުރިން ޝުޖާ ހައްޔަރުވެސް ކުރިއެވެ. އަދި ފުލުހުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ވެސް ގެންދިޔައެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ނުކޮށް ކޯޓުން އޭނާ ދޫކޮށްލީއެވެ.

ފުލުހުންގެ އިދާރާ އަށް ޝުޖާ ހާޒިރުވާން އަންގާފައި ވަނީ މިއަދުގެ ހަވީރު 16:00އަށެވެ. ހަމަ މި މައްސަލަ އާއި ގުޅިގެން އިއްޔެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ.

އަދުރޭއާ ޝުޖާ ހައްޔަރުކުރީ ހެލްތު މިނިސްޓްރީ ކައިރީގައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިންނެވެ. އެ އިހުތިޖާޖު ކުރީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރު ނުކުރަނީސް ދިވެހިން ގަޔަށް ޖެހުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.

އަދުރޭއާ ޝުޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ މަޖިލީހުގެ ފުލުހުން ވިދާޅުވެފައި ވަނީ އެ ދެބޭފުޅުންނަކީ ވެސް މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށެވެ.ފުލުހުން ވިދާޅުވީ ޝުޖާއާއި އަދުރޭ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމަށެވެ. އަދި އެ ދެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިފަދައިން ވިދާޅުވި ނަމަވެސް އަދުރޭއާއި ޝުޖާއު މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވާނެ ދެމީހުން ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް ކޯޓުގައި ދެއްކިފައެއް ނުވެއެވެ.

އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކުރާ ކަމަށެވެ. އެއް ކަމަކީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަތްކަމުގެ ތުހުމަތަކީ ފުލުހުންގެ ދައުރު އަރާ ކުރަން ހުރަސް އެޅި ކަމުގެ ތުހުމަތާއި، ދަތުރުފަތުރުކުރަން އުނދަގޫވާ ގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ އަޑުގަދަ ކުރުމުގެ ތުހުމަތެެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުރައްޔާ

    އިދިކޮޅުގައި އެންމެ ޕާޓީއެއް އޮތްއއިރުވެސް 7 ޕާޓީ އޮތް ކޯޅޭސަނަކަށް މިއުޅެނީ ހަޖަމްނުވެގެންނެވެ. މަޖްލިސްގައި އިދިކޮޅަށް 10 ވަރަކަށްމީހުންތިބިއިރު 76 މީހުން ތެޅެނީ ބިރުންނެވެ. ކިތަންމެވަރަކަށް ބިރުދެއްކިޔަސް ދެން އެމްޑީޕީއަށް އަހުރެން ދޭނޭ ވޯޓެއް ނެތެވެ.

    4
    1