އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި ގާތުން ބައްދަލުވި (ޑައިރެކްޓް ކޮންޓެކްޓް) ބައެއް މީހުންގެ ޒާތީ މައުލޫމާތު ލީކް ކޮށްލައިފިއެވެ.

މީސްމީޑިއާގައި މިވަގުތު ދައުރުވަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ތައްގަނޑު ޖަހާފައިވާ ލިޔެކިޔުމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލިޔުމަކީ މިއީ ކަމާއި ބެހޭ އިދާރާތަކަށް ފޮނުވުމަށް އެ ހޮސްޕިޓަލުން ހަދާފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައި އައްޑޫސިޓީ ހިތަދޫއިން ފައްސިވެފައިވާ މީޙުންނާއި ފޭދޫއިން ފައްސިވެފައިވާ މީހުންނާއި ގާތުން ބައްދަލުވި މީހުންގެ މައުލޫމާތު ހިމެނޭހެން ޖުމްލަ 19 މީހެއްގެ މައުލޫމާތު ވަނީ ހިމަނާފައެވެ.

އެލިޔުމުގައި ބުނެފައިވަނީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަކީ މިވަގުތު އައްޑޫ ސިޓީއިން ފެންނަމުންދާ ކޮވިޑް-19ގެ ބަލި މީހުންނާއި އެއްތާވި (ޑައިރެކްޓް ކޮންޓެކްޓް) މީހުންގެ ގޮތުގައި ފާހަގަކުރެވި، ވަކި ގޮތަކަށް އަންގަންދެން ގެއިން ބޭރަށް ނުނިކުމެ އައިސޮލޭޝަންގައި ތިބުމަށް އިރުޝާދު ދެވިފައިވާ ފަރާތްތައް ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ހަދާފައިވާ ލިޔެކިޔުމެއް މިވަގުތު މީސްމީޑިއާގައި ދައުރުވަމުން އަންނަކަން އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ލިޔެކިއުމަކީ ހޮސްޕިޓަލުގެ ތެރެއިން ލީކުވެފައިވާ އެއްޗެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ޝެއާ ކޮށްފައި އިން އެއްޗެއް ނޫން. އޭތި އެހެންވީ ގޮތެއް ސީދާ އެހެން ބުނާކަށް ނޭނގޭ. ހޮސްޕިޓަލުން ލީކުވި އެއްޗެއް ކަމަށް އަޅުގަނޑު ނުއެއް ދެކެން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޝާފީ ވިދާޅުވީ، އެ ލިޔުން ލީކުވި ގޮތް މިވަގުތު އެ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ސުންކު މިވަގުތު ވަނީ ނަގައި ނަތީޖާވެސް ލިބިފައެވެ. މި އެންމެން ކަރަންޓީނު ވުމަށް އަންގާފައިވަނީ ނަތީޖާ ނައްސިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ކޮބާތަޮ ތިލީކުވީ ލިއެކިއުންތަ ތިކިޔާއެއްޗެ ތާކުންތާކުނުޖެހޭނޫންތޯ

  2. ސސ

    ކޮވިޑޭ ކިޔާއިގެން ޑުރާމާ ކުޅެނީ !