ގދ.ތިނަދޫއިން ވަކި ތަރުތީބެއް ނެގި ސުންކެއް ކޮވިޑް-19އަށް ފައްސިވެފައި ވުމާއި ގުޅިގެން އެރަށު ބަނދަރު ސަރަހައްދުގައިވާ 16 ނަންބަރު ގާޑިއާ އިން ޚިދުމަތް ހޯދިފަރާތްތައް އެކަހެރިވާން، އަންގައިފިއެވެ.

އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، ފެބްރުވަރީ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ގާޑިއާއިން ހިދުމަތް ހޯދި ފަރާތްތަކުން، ކޮޓަރީގައި އެކަހެރިވެ، ތިނަދޫ ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ ކޮވިޑް-19 ހޮޓްލައިން 7934641 ގުޅައި މައުލޫމާތު ހިއްސަ ކުރަން އެދޭ ކަމަށެވެ.

ތިނަދޫގައި މުޖުތަމައު ތެރެއިން ކޮވިޑް-19 ބަލި ފެނުނީ މިއަދު އެވެ. އެއީ އިއްޔެ ނެގި ސުންކެވެ.

މީގެ ކުރިން އައްޑޫއިން ތިނަދޫއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ވޭދަނައާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގ ހާލަތަށް ލާފައެވެ.

އެ މީހާއަކީ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫން ފައްސިވި ދެ މީހުންނާއި ގާތުން ބައްދަލުވި މީހެކެވެ.

މިހާތަނަށް އައްޑޫ އިހަލުން 18 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.