މީގެ ދެ އަހަރު ކުރިން އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ޖަމިއްޔާ ޖަމާއަތްތަކާއި ވަކި ފަރުދުންނަށް އެހީގެ ގޮތުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުން ކައުންސިލްތަކުން ވަކި ފަރުދުންނަށާއި ޖަމިއްޔާ ޖަމާއަތްތަކަށް އެކި ކަންކަމުގައި ކައުންސިލްގެ ފަރާތުން ދޫކުރާ އެހީގެ ގޮތުގައި ދޫކުރެވޭނީ އެ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ކައުންސިލްގެ ބަޖެޓްގެ ރިޒާވްގައި ހިމަނާފައިވާ އަދަދުގެ 40 އިންސައްތައަށްވާ ވަރަށެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ހިމަނާފައިވާ ރިޒާވްގެ 40 އިންސައްތައަކީ 110،575 ރުފިޔާއެވެ. އެކަމަކު އެ ސިޓީ ކައުންސިލްގެ މާލިއްޔާއިން 426،978 ރުފިޔާ އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 316،403 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
ކައުންސިލުން މި ގޮތަށް ކަނޑައެޅި ފައިސާގެ ތެރޭގައި ކައުންސިލްގެ މުވައްޒަފުންނަށް "ރޯދަ އިނާޔަތުގެ ގިފްޓް ކާޑް" ނަމުގައި ދިން ފައިސާ ވެސް ހިމެނެއެވެ. މި ގޮތުން 3،000 ރުފިޔާގެ ބަދަލުގައި 4،500 ރުފިޔާ ރޯދަ އިނާޔަތުގެ ގޮތުގައި ދިން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މި ގޮތުން ސިޓީ ކައުންސިލްގެ މެންބަރުންނަށް އެ ގޮތަށް 10،500 ރުފިޔާ އަދި އެހެން މުވައްޒަފުންނަށް 172،500 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވާ ހިސާބުތަކުން ދައްކައެވެ.
އައްޑޫ ސިޓީ ކައުންސިލުން 2018 ގައި ދޫކޮށްފައިވާ އެހީތައް
- ފުޓުބޯޅަ މުބާރާތެއް ރާވާ ހިންގުމަށް ދިން އެހީ - 10،439 ރުފިޔާ
- ޖަރުމަނުގައި އޮތް މިއުޒިކް ޝޯއަކަށް ދިއުމަށް ދިން އެހީ - 15،240 ރުފިޔާ
- ޒޯން ޗެމްޕިއަންކަން ހޯދައިގެން ހިތަދޫ ޓީމަށް ދިން އެހީ - 30،000 ރުފިޔާ
- ގޯދިއްޔާ ފުޓްސަލް ކަޕް ބާއްވަން ދިން އެހީ - 50،000 ރުފިޔާ
- ކައުންސިލްގެ ރެކްރިއޭޝަން ކްލަބް މެންބަރަކަށް ދިން އުމްރާ ދަތުރު - 15،000 ރުފިޔާ
- ރޯދަ އިނާޔަތުގެ ގިފްޓް ކާޑް ފައިސާ - 187،500 ރުފިޔާ
- ރޯދަ އިނާޔަތުގެ ގިފްޓް ކާޑް ހަދަން ދިން ބޭންކް ޗާޖް - 1،875 ރުފިޔާ
- މީދޫ ހުކުރު މިސްކިތް މަރާމާތު ކުރި ޖަމިއްޔާއަށް ދިން އެހީ - 10،000 ރުފިޔާ
- ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްއަށް ދިޔަ ދަރިވަރުގެ ކޯޗުއާއި ބެލެނިވެރިޔާގެ ޓިކެޓް - 7،834 ރުފިޔާ
- ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ބައިވެރިވި ޓީމަކަށް ދިން އެހީ - 5،000 ރުފިޔާ
- މިނިވަން ޗެމްޕިއަންޝިޕްގެ ހިތަދޫ ޓީމުގެ ބިދޭސީ ކުޅުންތެރިންނަށް ދިން ފައިސާ - 29،760 ރުފިޔާ
- ނޫސް މަޖައްލާއަކުން ރޯދަ މަހު ބޭއްވި މުބާރާތަކަށް ދިން ގިފްޓް ކާޑްގެ ފައިސާ - 7،090 ރުފިޔާ
- ހުޅުމީދޫގައި ބާއްވާ މިނިވަން ކަޕް އިންތިޒާމު ކުރާ ފަރާތަށް ދިން އެހީ - 10،000 ރުފިޔާ
- ފުޓްސަލް މުބާރާތެއްގައި ބައިވެރިވި ދެ ޓީމަކަށް ދިން އެހީ - 10،000 ރުފިޔާ
- ޤުރްއާން ކްލާހަކަށް އެހީގެ ގޮތުގައި ހޯދި ތަކެތި - 10،000 ރުފިޔާ
- ހިއްމާލާ ނަމުގައި ބޭއްވި ފެސްޓިވަލަކަށް ދިން ފައިސާ - 30،000 ރުފިޔާ
މި ކަން އިސްލާހު ކުރުމުގެ ގޮތުން، މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކައުންސިލް ބަޖެޓްގައި ހިމަނާފައިވާ ރިޒާވްގެ 40 އިންސައްތައަށް ވުރެ އިތުރަށް އަދި ކައުންސިލްގެ މާލިއްޔަތުން ޚަރަދު ކޮށްގެން ނުވާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާން ކުރާ ކަންކަމަށް ޚަރަދު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މުޅިންވެސް ކުޅިވަރާ މަޖަލަށް ކޮށްފައިހުރިކަންކަން ހުރި، 5 ޕަރސެންޓް ކިރިޔާވެސް ރަނގަޅު ކަމެއްގައި ކުރެވިފައި އޮތީ.
ތިއަކު މާބޮޑު މައްސަލައެއްނެތް. ދެންވެސް ހުރި ފައިސާއަކުން ރައްޔިތުންނަށް ތިކަހަލަ އެހީދޭންވީ.