ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗު އަންނަ ޖޫން މަހަށް ފަސްކޮށްދިނުމަށް ޗައިނާއިން އެދިއްޖެއެވެ.

މި މެޗު ކުޅޭ ގޮތަށް މިހާރު އޮތީ މިއަހަރުގެ މާޗް މަހުގެ 25 ގައެވެ. މެޗު ޖޫން މަހަށް ފަސްކުރުމާއި މެދު އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. މެޗު ފަސްކުރާނީ އޭއެފްސީން އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އަންނަ މާޗު މަހު 25 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ތައިލޭންޑުގައެވެ. އެއީ ޗައިނާގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން މީގެކުރިން އޭއެފްސީން ނިންމި ނިންމުމެކެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މި ނިންމުން ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދުނިޔޭގެ އެންމެ ބައިބޯ ގައުމު މިގޮތަށް އެދުމުން އެ މެޗު ފަސްވުން ވަރަށް ގާތް ކަމަށާއި ނަމަވެސް ކޮލިފައިންގައި ސީރިއާ އާއި ފިލިޕީންސް އާއެކު ރާއްޖެ ކުޅޭ މެޗުތަކަށް ބަދަލު ނާންނާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ މާލޭގައި ފިލިޕީންސާއި ސީރިއާއާއެކު ރާއްޖެ ކުޅޭ ދެ މެޗަކީ މުހިންމު ދެ މެޗު ކަމަށާއި މި ދެ މެޗު ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން މިހާރު އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށްޓަކައި މި ލީގު މެޗުތައް މުހިއްމު ކަންވެސް ބައްސާމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ލީގު ހުއްޓުވާލީ ލީގުގެ ފުރަތަމަ ބުރު ނިމި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވަމުން އައި ދަނޑިވަޅެއްގައި ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު މިހާތަނަށް މޮޅުވީ ދެ މެޗުންނެވެ. ރާއްޖެ މޮޅުވީ ގުއާމް އާއި ދެކޮޅަށް ކުޅުނު ދެ ލެގުގެ މެޗުންނެވެ. އަނެއް ތިން މެޗުން ބަލިވިއިރު މިވަގުތު ރާއްޖެ އޮތީ ޖުމްލަ ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ރާއްޖެއާއި ޖެހިގެން ތިންވަނައިގައި ފިލިޕީންސް އަދި ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ސީރިއާއެވެ.