ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުބާރު ނެތް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަދިވެސް މަގާމުގައި ހުންނަވަން ދޫކޮށްލެވިފައި އޮތުމަކީ އެމްޑީޕީން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި މަލީހު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީ އަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކެވެ. އެ ކަމުގައި އިސްކޮށް ހުންނެވީ ވެސް މެންބަރު މީކާއީލްއެވެ. މިދިޔަ ޑިސެމްބަރު މަހު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެންނެވުމަށެވެ. މަޖިލީހަށް މައްސަލަ ގެނައުމަށް ފާހެއް ނުކުރެއެވެ.

ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް ގާނޫނާ ޚިލާފަށް ޓެލެކޮމް އޮތޯރިޓީއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހަޅުއްވާފައިވާ ގަރާރަކަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެގެން ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތައް ހާސްކަމުގައި ތިބިއިރު މިނިސްޓަރު މަލީހް ޒިންމާ ނުނަންގަވައި އުޅުއްވީ "ވަޅުދިޔަ" ހިއްކެވުމަށް ކަމަށެވެ.

މެންބަރު މީކާއީލް އެ އިޝާރާތް ކުރެއްވީ ދާދި ފަހަކުން މިނިސްޓަރު އުޅުއްވާ ގެކޮޅުގެ ވަޅުދިޔަ ހިއްކަން އޭނާ އުޅުއްވާ މަންޒަރު ހިމެނޭ ވީޑިއޯއެއް ޓްވީޓާގައި އޭނާ ހިއްސާ ކުރެއްވުމުން އެކަމަށެވެ.

މިނިސްޓަރު މަލީހް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް މީޑިއާގައި ދައްކަވާފައިވާ ވާހަކަތައް މީކާއީލް ވިދާޅުވެދެއްވިއެވެ. ރާއްޖޭގެ ނޫސްތަކުގައި އެކަމާ ގުޅިގެން ގެނެސްދީފައިވާ ސުރުޚީތައް ވެސް މީކާއީލް ވިދާޅުވެދެއްވިއެވެ. މި ގޮތުން 2019 އިން ފެށިގެން ދާދި އަވަހަށް އިންޓަނެޓްގެ އަގު ތިރިވެގެން ދާނެ ކަމަށް އެކި ޕްލެޓްފޯމްތަކުގައި މިނިސްޓަރު މަލީހް ދެއްކެވި ވާހަކަތައް މީކާއީލް ފާހަގަކުރެއްވިއެވެ.

މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ކަނޑައެޅި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެމްޑީޕީގެ އިތުބާރު ނެތް އެ މިނިސްޓަރު އަދިވެސް ހުންނެވީ މަގާމުގައި ކަމަށެވެ. އެއީ އެމްޑީޕީއިން ވަރަށް ބޮޑަށް ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ލަދު ގަންނަން ޖެހޭ ކަމެއް، އަޅުގަނޑުމެން 65 މެންބަރުންނަށް ރައްޔިތުންނަށް ފުރުސަތު ދިން ސަބަބަކީ މިއީ، މަސައްކަތް ނުކުރާ ޒިންމާދާރުކަމެއް ނެތް ވަޒީރުން ދުރުކުރުން، އަޅުގަނޑު ދަންނަވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަށް [މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއަށް]، އެމްޑީޕީ ޕީޖީ ގްރޫޕްގެ ނިންމުން މިއަދު ތަންފީޒު ކޮށްދިނުމަށް،" މީކާއީލް ވިދާޅުވިއެވެ.

އިންޓަނެޓް އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މިނިސްޓަރު މަލީހް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓް އަގު ހެޔޮ ކުރުމަށްޓަކައި މިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އެކަމަކު އެ ކަރުދާހަށް ރައީސް އޮފީހުގެ ހުއްދަ އަދި ނުލިބޭ ކަމަށްވެއެވެ.

އިންޓަނެޓް އަގު ހެޔޮ ނުކުރެވޭ މައްސަލާގައި އެމްޑީޕީގެ މެންބަރުން ކުށްވެރި ކުރައްވަނީ މިނިސްޓަރު މަލީހްއާއި ޓެލެކޮމް އޮތޯރިޓީއެވެ. މި ގޮތުން ގާނޫނުގައި އޮންނަ ޓެލެކޮމް އޮތޯރިޓީގެ ޒިންމާތަކާއި އެ އޮތޯރިޓީ ހިންގުމާއި މުއާސަލާތީ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގައި އެ އޮތޯރިޓީ އޮންނަ މިނިސްޓްރީ ހިންގަވާ މިނިސްޓަރުގެ ޒިންމާ އެ މެންބަރުން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މ

    މީކާއީލް ކަލޭ ދުއް ހުވަފެން ފެނަށް ވެއްޖެ.. އަންނިގެ ރަނިން މޭޓް ގެ ހުވަފެން އަންނި އަށް ސަޕޯޓް ގެއްލޭކަން އެނގި މިހާރު ތިޔަހުރީ ތުއްގަނޑު ހެރިފައި އަހަރެން ނިސްބަތްވާ ދާއިރާ އަށް ވެސް ހުތުރު އަރުވާ މީހެއް މީ...... ކޮބާ މަލީހު ބުނިހެން ތިޔަވީ ސަންދޯކަށް ކޮންކުރީޓް މޮހޮރު ޖެހިފައި ތިޔަވަނީ ހައްހަާ

  2. ގުބޯ

    މީކާއީލް ހީކުރިން ވަރަށް ޢަދުލްވެރިވާނެކަމަށް ނަމަވެސް ހަމަ ކޮކަޑިފެންބުއި މީދަލަށްވީ މެމްބަރުކަން ލިބުނީމަ ވޮޓް ދިންމީހުންގެ ޚިޔާލެއްފިކުރެއް ބެލުމެއްނެތް ޕާޓީގެ ޖާޙްމަތިކުރުންފިޔަވާ އެހެން މަންޒަރެއްނުފެނެ ކިތަންމެ ތެދުޙަޤީޤަތް ފެންނަންއޮތަސް ނުފެނޭ .ހިތާމަކުރަން.ބަލައަހަރުމެން ވޯޓް ދިނީ ޕާޓީން ދިންއެންމެވޯޓެއްވެސް ނޯންނާނެ ދެއްތޯ

  3. އަޙްމަދު

    ހެހެހެހެހެހެހެހެހެހެހެހެހެހެ

  4. ރ

    މީކާއީލްއަކީ ހަމަ އަނގައެއް އަންނިގެ ރަނިން މޭޓްކަން ކަށަވަރު ނުވީމާ ބިމަށް މޮހޮރު ޖެހިފައި މިހާރު ތިޔަ ހުރީ.... މީ ގަލޮޅު މީހެއް ވެސް ނޫން އެކަމު ދާއިރާއިން މީނާ ހޮވީ ހަމަ ހޭގައި ތިބި މީޙުންކަމާއި މެދު ޝައްކު

  5. ިމޯދީ

    މީކާއިލް ގެ ސިކުނޑިއަށް ފަރުވާ ދޭންޖެހޭ ކަމަށް ފެނޭ. ކޮން މިނިސްޓަރެއތޯ ފޭލް ނުވަނީ . ކޮން ވައުދެއްތޯ ފުއްދުނީ . ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ހިންނަވަރު މޯދީ ވަކި ބޯކޮށް މިގައުމު ހަމަ މިސްރާބަކަށް ނުގެންދެވޭނެ.
    ދެން ލަލަލާ.

  6. ޙާސިމް

    ޢަމައްޔާތް