ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑް-19 ޖެހިގެން ނިޔާވި 56 ވަނަ މީހާއެވެ. އަދި މިއީ މާލެ އިން ބޭރުގެ ރަށެއްގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ.

ވިލިނިގިލީ ކައުންސިލް މެމްބަރަކު "ވަގުތަށް" ވިދާޅުވީ އެ ރަށު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މީހާއަކީ ގއ. ދެއްވަދޫ އިހާއާ ގުޅުން ހުރި މީހެއް ކަމަށެވެ. އޭނާ އަށް ފެސިލިޓީގައި ފަރުވާދޭތާ ދެ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހާ އިތުރު ފަރުވާ އަށް މާލެ ގެންދިއުމުގެ މަސައްކަތް ވެސް ކުރި އިރު، އެކަން ނުކުރެވި ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމުގައި ދިމާވި އުނދަގޫތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ބަލި މީހެއް ވީމަ މަތިން ދަތުރު ކުރާ އިރު ވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުރޭ. އަޅުގަނޑު މީގެ ކުރިން ހޮސްޕިޓަލާއި ވާހަަކަދެއްކި އިރު ވިދާޅުވި މާލެ ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާ ވާހަކަ. ބެލެވޭ ގޮތުން ހާލަތު ހުރި ގޮތުން މާލެ ވެސް ނުގެންދެވި ވަނީ، ގެންދެވޭ ވަރަށް ވުރެ ބަލި ވީމަ. އެއީ ކޮވިޑް ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އިރު ބަލަން ޖެހޭ ބައިވަރު ކަންކަން ހުރޭ." އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ބަލި އެނދުގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެކެވެ. އެމީހާ ގެނައި ގޮތަށް އޮތީ ވެންޓިލޭޓަރުގައި އޮތް އިރު، ފުއްޕާމެއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށްވެއެވެ.

ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނުނު ގއ. ދެއްވަދޫ މޮނީޓަރިންގ ހާލަތު އުވާލީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނީޓަރިންގއަށް ލާފައި ވަނީ ޖެނުއަރީ ހަތް ވަނަ ދުވަހު ކަމަށް ވާއިރު އެ ރަށުން ކޮވިޑްގެ ފުރަތަމަ ވޭދަނަ ފެނުނީ ޑިސެންބަރު މަހު 24ވަނަ ދުވަހުއެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ. އެގޮތުން އެ ރަށުން 69 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެން.ސީ.އައިޓީ

    އަދިވެސް އެން.ސީ.އައިޓީ ގެ މުވައްޒަފުން އޮފީހަށް ހާޒިރުވާން މަޖުބޫރު ކޮށްގެން އުޅޭ ވާހަކަ ނޫހުގަ ޖަހާލަ ދީބަލަ. 🥺
    މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ބޭނުމެއް ނުވޭ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފުރުސަތު ދޭކަށް