އައްޑޫގައި ކޮވިޑް-19 ފުދޭ ވަރަކަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި އެ ބައްޔަށް ފައްސިވާ މީހުން ބަލިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ އިން ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއާ އެކު، އައްޑޫ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައިވާ އިރު، މިހާތަނަށް އެ އިހަލުން 19 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އައްޑޫގައި ފުދޭ ވަރަކަށް ބޮޑަށް ބަލި ފެތުރިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކުރަން ފަށައިފައެވެ.

ރޮޒެއިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި ކޮވިޑްގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އަދި ބައްޔަށް ފައްސިވާ މީހުންނަށް އެކި ފެންވަރުގެ ސިއްހީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ވީމާ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާ އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓްސް އަމިއްލަ އަށް ވެސް އެކަހެރިވެ، ކަރަންޓީންވެގެން ތިބުން ވަރަށް މުހިންމު. އަދި ބަލީގެ އަލާމާތްތައް ފެންނަ މީހުން އެކަން ރިޕޯޓުކޮށް ފަރުވާ ހޯދުން މުހިންމު،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ހިތަދޫ ހޮސްޕިޓަލްގައި ހުންނަ ފެސިލިޓީ އަށް އިތުރަށް ބޭނުންވާ ހުރިހާ ސާމާނެއް ސަރުކާރުން ފޮނުވައި ދޭނެ ކަމަށެވެ. އަދި ޓާސްކް ފޯހުން ކަންކަން އިންތިޒާމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޑޮކްޓަރުންނާއި ނަރުހުންނަކީ ގަނެފައި ފޮނުވޭނެ އެއްޗެއް ނޫން ކަން. އަދި ސާމާނު ހުއްޓަސް ފަރުވާ ދޭނެ ސިއްހީ އެހީތެރިން ނެތް ކަމުގައިވާ ނަމަ ފަރުވާއެއް ނުދެވޭނެ ކަން،" ރޮޒެއިނާ ވިދާޅުވިއެވެ.

އެހެންވެ، ސިއްހީ ހިދުމަތްތެރިންނަށް "އޮބި އޮންނަ" ހިސާބެއްގައި ބަލިވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވިފައި ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި މިކަން ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ނުވަތަ ކޮވިޑް-19 އަށް ފައްސިވާ މީހަކާ ކޮންޓެކްޓްވެއްޖެ ނަމަ އެމީހަކު އަމިއްލަ އަށް ފަރުދީ ޒިންމާ ނަގައި އެކަހެރިވެ، ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ އަށް އެއްބާރުލުން ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަލި އައްޑޫގައި ކޮންޓްރޯލް ކުރުމަކީ އެންމެންގެ ވެސް އަމާޒަކަށް ހަދައިގެން، ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރީމަ މިކަން ވާނެ. މިއީ އެކަކު އަނެކަކު ބަދުނާމްކޮށް ބަސް ބުނަންވީ ވަގުތެއް ނޫން. އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ މި ދަތި ވަގުތުގައި އަޅާ އެކިއެކި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫ ވާނެ ކަން އެނގޭ ކަމަށެވެ. މި ހާލަތުގައި އައްޑޫ ރައްޔިތުންދޭ އެއްބާރުލުމަށް އަދި ދައްކާ ކެތްތެރިކަމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް އިއްޔެ ވިދާޅުވީ އައްޑޫން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ބަލީގެ އާ ވައްތަރެއް އުޅޭތީ ކަމަށް ބެލެވޭ ކަމަށެވެ. މޭޔަރު ވިދާޅުވީ، އައްޑޫއަށް މީގެ ކުރިން ކަރަންޓީނަށް އައި މީހުން ފައްސިވިއަސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ނަމަވެސް ފަހުން ފައްސިވެފައިވާ އިހަލުގެ މީހުން ބައްޔަށް ޓެސްޓް ކުރަނީ އަލާމާތްތައް ހުރެގެން ކަމަށާއި އެގޮތަށް ކުރާ ޓެސްޓުން ފައްސި ނަތީޖާ ލިބޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަން ރީނދޫ

  ޚަބަރަތަކި ހިށީ ކައުންސިލް ދޯގައްވާހަކަ،އެމް.ޑީ.ޕީ ކައުންސިލަރުން.

  11
  1
 2. އަޙްމަދު

  އައްޑޫ ނިކަމެތި ވުމަކީ ކަލޭމެން ވަރަށް ބޭނުންވާނެ ގޮތެއް!

  22
  1
 3. އޮޅުވާލި ވޯޓު

  ރޮޒެއިނާ ކަލޭބުނިއޭކޮޔާފަ އަހަރުމެންގެ މަސަކަތް ހުއްޓާލާފަ ކަރަންޓީނު ވެގެނެ ނުތިބޭނަން

  13
  3
 4. ގ

  ކަލޭ ނުބުންޏަސް އެކަން އެނގޭނެ ކުޑަ ކުއްޖަކަށް ވެސް ދައްކާނެ ވާހަކަ ހުސްވީދޯ މީ ކުރީ ސަރުކާރު ނަމަ މިދައިތަ ހާޅޭއް ފަޅޭއް ޖަހާވަރުން ތަންގަނޑު މީހުނަށް ނުނިދޭނެ މިހާޜު ނުބުނެއެއްނު ސަރުކާރުގެ އިހުމާލެކޭވެސް މީވާ ސީދާ ޑޮނާޑުގެ އުސޫލު ހުރި ދަރިއެއް

  9
  2
 5. އަބްދުއްލަޠީފު

  އެންމެފަހުން އައްޑުއަށް ދޭން އުޅުނުބޮނޑި ތިއޮތީ ދީފަ. ދެން ސޮނިކޮޅު ދިރުވާލައިގެން ތިބޭ. މިވެރިކަން ވައްޓާލައިގެން ނޫނީ މިކަމުން އަރާނުގަނެވޭނެ

  12
  2