އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ދެ މައްސަލައެކެވެ. ފުރަތަމަ މައްސަލައަކީ ފައިރޫޝް ރިޔަޓާ ކުރި މައްސަލައެވެ. ދެ ވަނަ މައްސަލައަކީ ގދ. އަތޮޅު ފަޅު ރަށެއް ކަމުގައިވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހުށަހެޅި ދައުވާތައް ކޯޓުން ބޭރުކޮށްލި މައްސަލައެވެ.

މި މައްސަލަތައް ދިރާސާ ކުރުން ސިއްރު ކޮމިޓީ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ސިއްރު ކޮމިޓީއެއްގެ ގޮތުގައި ކުރިއަށް ގެންދަން ފާސްކޮށް، މީޑިއާއަށް ނުވަދެވޭ ގޮތަށް އެ ކޮމިޓީ ކުރިއަށް ގެންދިޔައެވެ. އަދި މަޖިލީހުގެ އިދާރާއިން ލައިވް ކުރަމުން ދިޔަ ފީޑް ވެސް ކަނޑާލިއެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެެވެ. އެއީ ދާދި ފަހުން ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނިކޮށް، އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެވޭ ކަމަށް ދެކެވަޑައިގެންނެވެ.

ރައީސް ނަޝީދު މި ގޮތަށް ދެކެވަޑައިގެން މި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވި ނަމަވެސް މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން އޮންނަނީ ގާނޫނު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާތާ ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށެވެ.

މީގެ ކުރިން ފައިރޫޝް ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. އެއީ އޭރުގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެ އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެއްޓެވީ ޑިސެމްބަރު 2018 ގައެވެ. އަދި ޖެނުއަރީ 2019 ގައި އޭނާ އެސިސްޓެންޓް ކޮމިޝާނަރުގެ މަގާމަށް އައްޔަން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ

    ބޭކާރު ކަންތައް ތަހުގީގުކޮށްކޮށް ތިއްބާ ތިޔަ މަޖިލީހުގެ ދައުރު ނިމޭނީ އަނަން އޮތް ސަތޭކަ އަހަރުވެސް ހިޔެއް ނުވޭ މިހާ ގޮތެއް ފޮތެއް ނެތް މަޖިލީހެއް މިގައުމު ދެކޭނެ ހެން
    ނައިޓަށް ރަށަށް ދާ ގާނޫނު
    ހައްދެއްނެތި މަޖާކުރާ ގަރާރު
    ޑޮކްޓަރ ވަހީދާ ދިމާކުރާ ގަރާރު
    1953 ފެށިގެން ހައްގު ތައް ހޯދާދޭ ގާނޫނު
    ކޮވިޑް ޖޫރިމަނާ
    ކައުންސިލްތައް ދަންމާލި ގާނޫނު
    ތާކުން ތާކު ޖެހޭ އެއް ކަމެއް ވެސް ނުކުރޭ

    14
  2. ލާމު

    އަތުން ދޫވެގެން ދިޔައިމަވެސް އެތިފަހަރެއް ޖަހާލެވޭތޯތަ މިއުޅެނީ.

    13
  3. ސެލެކްސް

    މާތް ﷲ ގެ ވާގިފުޅާއެކު ޢާންމު ނިކަމެތި ރައްޔިތުންނަށް އަނިޔާ ދިނުމަށް ރާވާ ރޭވުންތެރިންގެ ފުށުން އަޅަމެން ސަލާމަތް ކުރައްވައި އެބައިމީހުން ނިކަމެތި ކުރައްވައި އެބައިމީހުންގެ ބާރުތައް ދެރަކުރައްވާށި! އާމީން

    13