މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ނެރުމަށް އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރި ކުރުމުގެ ތެރޭގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ މައްސަލަ ތަހުގީގުކޮށް ނިންމަން ބޭނުންވާ ކަމަށާއި އެކަމަކު އެއްވެސް މެންބަރަކަށް އަދަބެއް ނޫނީ އަނިޔާއެއް ލިބެން ބޭނުން ނުވާ ކަމަށް ޝިޔާމް ވިދާޅުވެއްޖެއެވެ.

އެ ޖަލްސާގެ ތެރެއިން ތަޅުމުގައި ހަމަނުޖެހުން ހިނގަން ފެށީ ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވަން އޭނާ ދެކޮޅު ހައްދަވަން ފެށްޓެވި ހިސާބުންނެވެ. އޭނާ ތަޅުމުން ނެރުނީ އެމްޑީޕީގެ މެންބަރުންތަކެއް އޭނާ ވަށާލައި "ހިފައިގަނެގެން" ގެންގޮހެވެ. ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވީ މަޖިލީހުގެ ރިޔާސަތުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެ ވާހަކައަށް ވެސް ހުރަސް އެޅޭ ވަރަށެވެ.

މި މައްސަލަ ބަލައިދޭން އެދިވަޑައިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ފޮނުވިއެވެ. އެކަމަކު އެ ކޮމިޓީގައި މައްސަލަ ބަލަމުންދާތާ މިހާރު ހަ މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައީއެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި މައްސަލަ ލަސްވަމުން ދަނީ ކޮމިޓީގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އެއްބާރުލުން ނުދެއްވާތީއެވެ.

މި ގޮތުން މި ކަމަށް ޓަކައި ސުލޫކު ކޮމިޓީގެ ތެރެއިން އެންމެ ފުރަތަމަ ނެގުނު ސަބް ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސެވީ ވެސް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ. އެކަމަކު ކޮމިޓީގެ ބައްދަލުވުމެއް ތާވަލު ނުކޮށް މާ ފަހުން ކޮމިޓީއިން އިސްތިއުފާ ދެއްވީ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

ދުވަސްތަކަކަށް ފަހު މި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ކޮމިޓީއަށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ހާޒިރު ކުރިއެވެ. އަދި ޝިޔާމަށް ގިނަ ސުވާލުތަކަށް އެމްޑީޕީގެ މެންބަރުން އަމާޒު ކުރެއްވިއެވެ. މި ގޮތުން ރިޔާސަތުން ނަން އިއްވި ކަން އެނގިވަޑައިގަންނަވާތޯއާއި ސާޖެންޓް އޮފް އާމްސް ތަޅުމުން ނެރުމަށް މަސައްކަތް ނުކުރައްވާތޯއާއި އަނިޔާވެރި ގޮތަކަށް އެއްވެސް މެންބަރަކު އަތްލާފައިވޭތޯ ސުވާލު ކުރެއްވިއެވެ.

މި ސުވާލުތަކުގެ ޖަވާބުގައި މެންބަރު ޝިޔާމް ވިދާޅުވީ އެ ދުވަހު ހިނގައިދިޔަ ކަންކަމަކީ ތަހުޒީބު މުޖުތަމައެއްގައި ގާނޫނު ހަދާ މަޖިލީހުގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއްވެސް ހާލަތެއްގައި މަޖިލީހުގެ އެއް މެންބަރަކު އަނެއް މެންބަރުގެ ރުހުމެއް ނެތި އެ މެންބަރެއްގެ ހަށިކޮޅުގައި އަތް ލައިގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެ ދުވަހު އަނިޔާ ލިބުނު، މިފަދަ ގޮތަކަށް އެއްވެސް މެންބަރަކާ މެދު ވުމަށް ދެކުމަކީ އަޅުގަނޑު އެދޭނެ ކަމެއް ނޫން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ސުލޫކު ކޮމިޓީގައި މައްސަލަ ދިގުލައިގެންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. ފުލުހަށް އެ މައްސަލަ ހުށަހެޅުއްވިއިރު ފުލުހުން ވެސް އެ މައްސަލަ ބަލަމުން ނުގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ދެން ވިދާޅުވީ އެއވެސް މެންބަރަކަށް އަދަބެއް ލިބެން އޭނާ އެދިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހިތާމަ ކުރަން މި މައްސަލައަށް މިހާ ގިނަ ދުވަސް ވަމުން ދާތީވެ، އަޅުގަނޑު ބޭނުމެއް ނޫން މި މައްސަލާގައި އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަދަބެއް ލިބޭކަށް، އެހެން ނަމަވެސް އަޅުގަނޑު އެދެނީ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މެންބަރުން އޭނާގެ ގައިގައި އަތްލާފައި ވަނީ ނުގަބޫލުގައި ކަމަށެވެ. މަޖިލީހުގެ ތަޅުމުން ނުނުކުންނަން ހުންނެވި މެންބަރަކު އެ ގޮތަށް ގަދަކަމުން ގެންދެވުމުން އަނިޔާ ވާނެ ކަމަށާއި އަނިޔާތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އަނިޔާ ކުރުމުގެ ނިޔަތުގައި މެންބަރަކު ގަސްތުގައި އަތްލި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހުގެ ކޮމިޓީއިން ބެލުމަށާއި ފުލުހުންގެ ތަހުގީގު ހުއްޓިފައި އޮތް ސަބަބު ވެސް ބެލުމަށް ޝިޔާމް އެދިވަޑައިގެންނެވިއެވެ. މެންބަރަކަށް އަދަބެއް ލިބެން ބޭނުން ނުވި ނަމަވެސް ތަހުގީގު ފުރިހަމަ ކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ދައުވާ ކުރުމުގެ މަރުހަލާއަކަށް ދާނަމަ އެ މަރުލަހާއިން ވާހަކަ ދައްކައިގެން ވެސް ކަންކަން ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.