ދުބާއީ އިން އައްޑޫ އަށް އައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ގައުމުން އައްޑޫއަށް އައި މީހާ ކޮވިޑު-19 އަށް ފައްސިވި ކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނު މުއްދަތު ހަމަވެގެން ނެގި ޓެސްޓުގެ ނަތީޖާ ފައްސިވުމުންނެވެ. ރާއްޖެ އިން ބޭރުގައި ހުރެފައި ރާއްޖެ އަންނަ މީހުން މިހާރު 10 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހެއެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ދުބާއީ އިން އައިސް ކަރަންޓީނު ނިންމުމަށް ފަހު ޓެސްޓު ކުރި އިރު ފައްސިވި މީހާ އާއެކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ފައްސިވި މީހުންގެ އަދަދު 23 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން 22 މީހުންނަކީ އައްޑޫ އިހާއިން ފައްސިވި މީހުންނެވެ.

"ޕޮޒިޓިވް ވީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުރި މީހެއް. އޭނާ ކަރަންޓީން ނިމިގެން ސާމްޕަލް ނަގާ ޓެސްޓު ކުރި އިރު އެނގުނީ ޕޮޒިޓިވްވިކަން" އޭނާ ވިދާޅުވިއެވެ.

އައްޑޫއިން ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނުމާ ގުޅިގެން އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އައްޑޫ އިން ފެންނަ ވޭދަނަތައް އިތުރުވަމުން ދާއިރު މޭޔަރު އަބްދުﷲ ސޯދިގް އިއްޔެ ވިދާޅުވީ އައްޑޫން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ބަލީގެ އާ ވައްތަރެއް އުޅޭތީ ކަމަށް ބެލެވޭ ކަމަށެވެ. އައްޑޫއަށް މީގެ ކުރިން ކަރަންޓީނަށް އައި މީހުން ފައްސިވިއަސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ރައްކާތެރިކަމުގެ ފޔަވަޅުތައް ވަރުގަދަ ކުރަން ނިންމިކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަދި މިވަގުތު ހަރުދަނާ ފިޔަވަޅުތަކެއް އެޅި އެ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކުރެވިއްޖެ ނަމަ ފަހުން ނުކުންނަ ނަތީޖާ ގޯސްވާނެ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކާފިއު ހިންގުން ވެސް ހިމެނޭކަން ސޯބެ ވިދާޅުވިއެވެ. އެކަމަކު އައްޑޫގައި ކާފިއު ހިންގުމަށް ހަމަޖެހިފައިވާ ގަޑިތަކެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މީގެ އިތުރުން އާއްމުން ތަންތަނަށް އެއްވުމާއި، އާންމު ޚިދުމަތް ދިނުމުގައި އަމަލު ކުރާ އުސޫލުތަކަކީ ރައްކާތެރި އުސޫލުތަކެއްކަން ޔަގީން ކުރުމަށް މަސައްކަތް ކުރައްވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އައްޑޫ ސިޓީގެ އިހަލުން (ކްލަސްޓާ) އިތުރު ހަތަރު މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު އައްޑޫ އިހަލުން ފައްސިވި މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ.