މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ބިރު ދެއްކި ވަޅި ރާއްޖެ އިން ބޭރަށް ފޮނުވައިގެން ތަހުލީލް ކުރަމުންދާ ކަމަށް ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

މަރު ކޮމިޝަނުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ އެ ވަޅި އަކީ ކޮމިޝަންގެ ތަހުގީގަށް މިހާރު ވަރަށް މުހިންމު ހެއްކެއް ކަމަށެވެ. އެކަމަކު، ވަޅިއާ ބެހޭ އިތުރު މައުލޫމާތު ދޭން އޭނާ އުޒުރުވެރިވިއެވެ.

"ކޮމިޝަނުން މިދަނީ ފުލުހުންކޮށްފައިވާ ތަހުގީގަށް ރިއާޔަތްކޮށް، ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާރު ހެދެން ހުރި ފޮރެެންސިކް ތަހުލީލުތައް ހަދަމުން،" މިސްބާހު ވިދާޅުވިއެވެ.

މިސްބާހު އެގޮތަށް ވިދާޅުވި އިރު، ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަރު ކޮމިޝަންގެ ބަޔާނުގައިވެއެވެ. މަރު ކޮމިޝަނުން އިއްޔެ ވަނީ ޓުވިޓާ މެދުވެރިކޮށް އެ ވަޅީގެ ފޮޓޯ ވެސް އާންމުކޮށްފައެވެ.

މަރު ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވަޅިއަކީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ވަނަ ފްލެޓު ކައިރިން ގަދަކަމުން ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެވެ.

މިމައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ދީފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ކުރީގެ ސަރުކާރުގައި އެކަށީގެންވާ ގޮތެއްގައި މި މައްސަލަ ފުލުހުންގެ ތެރެއިން ތަހުގީގުކޮށްފައެއް ނުވެއެވެ. އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެއް ވައުދަކީ ރިލްވާން ގެއްލުނު މައްސަލައަށް އިންސާފު ހޯދައި ދިނުމެވެ.

އެގޮތުން ބޭރުގެ އިންވެސްޓިގޭޓަރަކާ އެކުގައި މަރު ކޮމިޝަން މެދުވެރިކޮށް ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރިއެވެ.

މަރު ކޮމިޝަން އުފެއްދުމުގެ ކުރިން ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފައެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފައެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެއެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގާ ގުޅޭ ރިޕޯޓެއް ވެސް ރައީސަށް އަރުވާފައިވެއެވެ. މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަހްގީގުން ނޫސްވެރިޔާ ރިލްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވިއެވެ.

ނަމަވެސް ތަހްގީގަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަރީ

    މީދެން ޖޯކެއްދޯ ކަންހިގައިނިމުނުތާ އެތައްއަހަރެއް ފަހުން ވަޅީގެ ޓެސްޓް ތަކެއް ހަދަންޖެހުމަކީ.

    32
  2. ކާފަ

    ތިވަޅި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަން ފެނޭ

    36
  3. ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

    ތިޔަ ވަޅިން ކޮން ހެއްކެއްތޯ ދެން ލިބޭނީ އެޔަށް ވުރެ ރަނގަޅު ވާނެ އޭރު ތިޔަ މައްސަލަ ފުލުހުން ނުބެލީ ކީއްވެގެންތޯ ބެލީމަ. މީހަކު ގަދަކަމު ކާރަކަށް އަރުވައިން ގެންދިއަކަން ރިޕޯޓު ކުރީމަ އަދި ސީނުން ވަޅިއެއް ފެނުނީމަވެސް އެއީ އެއްވެސް ކަމަކަށް ނުހެދީ ކޮން ހިސާބަކުން އޯޑަރު އައިސްގެންތޯ. އަދި ކާރަށް މީހަކު އެރުވި ވަގުތާ ރިލްވާނު ގެއްލުނު ރެޔާ ދިމާވީމަވެސް ފުލހުން އެއީ ގުޅުމެއް ނެތް ކެމެއްކަމަށް ހަދާފަ މައްސަލަ ނުބެލީ ކީއްވެތޯ. އެބަޔެއްގެ މައްސަލަ ބަލާ ދައުވާ ކުރިއްޔާ ކޮޅެއްގެ ޖެހިދާނެ.

    31
    1
  4. ދޮންސޮރު

    އަދި މާ އަވަސް.. އަދި ގަރުނެއް ވަންދެން މަޑުކޮއްލަން ފެނޭ..!!

    24
  5. ބޯގޯސް

    ތިޔަ ވަޅީގެ ނަތީޖާ ލިބޭވަރުވާނީ އަންނަރިޔާސީ އިންތިހާބައް ދެއްތޯ ތިޔަތާ ތިތިބީވެސް ސޯލިބޭ އައްޔަން ކިއްފަ ދަރިވަރު ކޮއްފަ ތިބި ވަގުން

    10
  6. އިބްރާ

    ރ. ޔާމީނާ އި ދިމާލަށް ނަޔަސްވާ ރަނގަޅު

    11
  7. އަސްލު

    ފުރަތަމަ ކަމަކީ ތިކޮމިޝަނުގެ ހަމައެކަނި ކަމަކީ ރިލްވާން ގެ ވާހަކަދެއްކުންހޭ... ކީއްވެތަ "ރިލްވާން ކޮމިޝަން" ނުކީ... އަދިތޯ ތިވަޅި ފެނިގެންތިއުޅެނީ ؟ ބުއްޅަބެ ގުރޫޕް ލާދީނީ ވާހަކަ ދެއްކީމަ އާންމުން ރަތަށްއެރީމަ ފާޅުވާ ކޮމިޝަނެއްތޯތީ؟

  8. ޙ

    ވަޅިކޯޓަށް ހާޒިރު ކުރަނވީނުން. ކޮސްކަނތައްކޮއް ވަގުތު ނަގާލަނީ

  9. ޖޮބޭ

    ވަޅި ބުނާނެ ކާކުކަން ތިޔަކަމެއް ކުރީ

  10. ނަންރީތި ހުސޭނު

    އިންތިހާބެއް ކައިރިވާއިރައް ހޭލާ ބައިގަންޑު ގިނަވެ ކަޑަޖެހުން ގިނަވާނެ. މަރުކޮމިސަން ކޯމާގައޮވެފަ މިއަދު ކުއްލިޔަކައް ތިހޭލެވުނީ ހަމަ އެސަބަބާހުރެ.އެކަމާ އިތުރު ބަހުސެއްނެތް. އަޅެ ސާހިދު ބަނގާޅައް ފޮނުވައިގެން ރާއުލާ ބައްފަ އަނގަބަންދުކުރަން މަސައްކަތްނުކޮއް ތިމަރުތަކާ ކެރެފާ އާއިލާއާ ގުޅުވައިގެން އެދައްކާ ވާހަކަތަކުގެ ހަގީގަތް ހާމަ ކޮއްބަލަ.