މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތާ ހަމައަށް ދިއުމަށް އެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެކި މައްސަލަތަކާ ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު މިސްބާހް އައްބާސް މިހެން ވިދާޅުވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މިހާތަނަށް އެއްވެސް ބަޔެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

މިސްބާހް ވިދާޅުވީ، ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރަމުންދާ އެކި އެކި މައްސަލަތަކާ ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އެކަމަކު ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން މައްސަލަތަކަކާ ގުޅިގެން ކަމެއް އަދި އެއިން ކޮންމެ މައްސަލައެއްގައި ހިފަހައްޓާފައިވަނީ ކިތައް މީހުންގެ ޕާސްޕޯޓް ކަމެއް މިސްބާހް ވިދާޅެއް ނުވެއެވެ. އެކަމަކު ރިލްވާންގެ މައްސަލާގައި ބަޔެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ރިލްވާންގެ މައްސަލައިގެ އިތުރުން ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީލް އަލީގެ މަރާއި، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އެއް ގޮތް ކަންތައްތަކެއްވާ ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. މި ގޮތުން މި ތިން މަރުގެ ފަހަތުގައި ވެސް ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމަށް ކޮމިޝަނުން ތުހުމަތު ކުރެއެވެ.

މި ތިން މަރުގެ މައްސަލަ ވެސް ވޭތުވެދިޔަ ސަރުކާރުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައެއް ނުވެއެވެ. އެ މަރުތަކުގެ ހަގީގަތަކާ ހަމައަށް ވާސިލްވެ އަނިޔާ ލިބުނު އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ތަންފީޒު ކުރުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވައިލެއްވިއެވެ.

އެހެން ނަމަވެސް މި ކޮމިޝަންގެ މަސައްކަތް ލަސް ކަމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް ކޮމިޝަނަށާއި ސަރުކާރަށް އަމާޒުވެފައިވެއެވެ.

މިހާތަނަށް ދައުވާ ކުރުމަށް ފޮނުވީ ވެސް ޑރ. އަފްރާޝީމްގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށެވެ. އަދި އެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށެވެ. އެކަމަކު ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ދައުވާތައް އަލުން އަނބުރާ ފޮނުވާލިއެވެ.

ޕީޖީއިން ފުރިހަމަ ކުރުމަށް އަންގާފައިވާ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އެހެން ނަމަވެސް އަފްރާޝީމްއާއި، ޔާމީންއާއި، ރިލްވާންގެ މައްސަލާގައި އެއް ގޮތް ކަންތައްތަަކެއް ހުރުމުން މި ތިން މައްސަލައިން ކޮންމެ މައްސަލައެއްގައި ވެސް ދައުވާ ކުރެވެން ދެން އޮންނާނީ ތިން މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަވަ

    ނިކަން ބާރަށް ތިވާހަކަ ދައްކާތި އިންތިހާބު ނިމެންދެން.

    17
  2. ސސ

    ޕާސްޕޯޓެއް ހިފަހައްޓާ ލުމަކީ ދެން ވަރަށް ބޮޑު މަސައްކަތެއްތޯ ؟ ރައްޔިތުން ގުންބޯ ހައްދާ ޑުރާމާ ކޮމިޝަން! އެކަން ކުރިމީހުން ފޮރުވާ ކޮމިޝަން !

    13
    1
  3. މާމި

    މި3 މީހުން ނޫން ބަޔަކު މިރާއްޖޭގަ މަރާފަ ނެތީތަ؟ ކޮންމެ އިންތިޚާބެއް ކާރިވީމަ މި3 މީހުން މަރާލިމައްސަލައޭ ކިއާފަ ބޮޑެތިކަރާ ފަޅަނީ މިހާރު މިވެރިކަމައް ވީހާ ދުވަސް ވެއްޖެ މަރުކޮމިޝަނައް. ވީކަމެއްހަރާން ރޭގަވެސް އެމަރާލީ ކުއްޖަކު ނިކަން އެކަން ބެލޭތޯބަލާބަލަ އެއްކަމެއްވެސް ވޭތޯ. ގައިމު ބޮޑެތި މުސާރަ ނަގާގެން ކާލަކާލާ ތިތިބެނީ...

  4. ......

    މަހީކުރީ މިމައްސަލަ ތައް ނިމިއްޖެ ކަމަށް...ކުއްލިއަކަށް މިމައްސަލަތައް އަނެއްކާ ފެންމަތިވެގެން މިއުޅެނީ ކިހިނެއްވެގެންބާ......ގައުމުގެ ފަނާ ވެރިން ގެ ޗަރުކޭސް އަނެއްކާ ފެށުނީބާ...ކިތަންމެ ބޭނުންވިޔަސް އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ...މި ބައިމީހުންނަކަށް އަދުލު އިންސާފެއް ހޯދާ ނުދެވޭނެ...އަދި އެކަން ކޮށްވެސް ނުދޭނެ...

  5. ބަރުގޮނު

    ތިޔަ ހުރިހާ ދެންމުމެއް ތިޔަ ދަނަމަނީ ޑރ. އަފްރާޝީމް ގެ މަސްއަލާގައި ޙުމާމް ބުނެފައިވާ އެއްޗަކުން އެމް.ޑީ.ޕީ ބޮލުގައި ރިއްސާތީ.

  6. އަބްދޫ

    ރިޒްވާނު ވަގަށް ނެގިކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އަލިފްރައޫފް ނިސްބަތްވަނި ނަސިދުއާއި ރިކޯމޫސަ މެން ބުނާކޮންމެ ކަމެއްކުރަންތިބޭ ކުޑަހެންވެރު ގްރޫޕަސް ނިސްބަތް ވަމީހެއް . ވަދު ނޫރައްދިނަކީ ގ.ކެނެރިގެ މުހަންމަދު ނަސީދު ގެޕްރައިވެޓް ބޮޑީގާޑް އެއް ވީމާ ރިޒްވާނުގެ ގެއްލުވާލުމުގާ އިސްމިހަކި ކާކު ؟

  7. ބުއިން

    އިންތިހާބެއް ކައިރިވީ އުތަ؟

  8. ރައްޔިތުމީހުން

    އިލެކްޝަން ކާރިވާވަރަށް ހާދަ ކަންނަން ހިންގި ގެން މިއުޅެނީ..

  9. ދިވެހި ޒުވާނުން

    ތިޔަ މަރުތަކުގެ ވާހަކަ އަކީ އިންތިޚާބީ ހަތިޔާރެއް، އެކަމަށް ނިމުން ނުގެންނާނެ. ސިޔާސީ ވެގެން ހިގައިދިޔަ ބޮޑު ކާރިސާތަކެއް ތިޔައީ ހަަމަ ހުރެފަ ވާ ކަންކަމެއް ނޫންކަން މި އަދު ކިރު ތުބުން ވިއްލާ ކުއްޖާއަށް ވެސް އިނގޭނެ އެކަމަކު މިވަރު ތަހްގީގް ކުރާމީހުންނާއި ހުކުމްކުރާ ގާޒީންނަކަށް ނޭގޭ