ޒިންމާދާރު ގޮތުގައި އިންޓަނެޓު ބޭނުން ކުރާނެ ގޮތް ކުދިންނަށް ކިޔައިދޭން ޖެހޭ ކަމަށާއި ބޭކާރު ގޮތުގައި އެ ބޭނުން ކުރުން ހުއްޓަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

"ސޭފަރ އިންޓަނެޓް ޑޭ 2021″ އާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު މަލީހު ވިދާޅުވީ އިންޓަނެޓް ޒިންމާދާރު ގޮތުގައި ބޭނުންކުރުމަށް ކުދިންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ. ޒިންމާދާރު ކަމާއެކު އިންޓަނެޓު ބޭނުން ކުރަން ކުދިންނަށް ދަސް ކޮށްދިނުމުން ކުދިންގެ މުސްތަގުބަލް އުޖާލާ ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އިންޓަނެޓަކީ ޤައުމު ބިނާ ކުރުމުގައި ވެސް މުހިންމު ވަސީލަތެއް ކަމަށެވެ. އެގޮތުން އިންޓަނެޓުގެ ސަބަބުން ކުދިން ޤައުމަށް މުހިންމު ދާއިރާތަކުން ކުރިއަރައިގެން ދިއުމަށް އެހީއަކަށް ވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހުގެ ވާހަކަފުޅުގައި އިންޓަނެޓަކީ މުޅި އިންސާނިއްޔަތަށް ވެސް ލިބުނު މުހިއްމު ނިއުމަތެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ބޭނުން ކުރަން ޖެހޭނީ ބިނާ ކުރުވަނި ގޮތަކަށް ކަމަށް މަލީހު ވިދާޅުވިއެވެ.

ބޭކާރު ގޮތުގައި އިންޓަނެޓު ބޭނުން ކުރުމުގެ ބަދަލުގައި އިންޓަނެޓުން ތިމާގެ މައުލޫމާތު މުއްސަނދިކޮށް ތިމާ އާއި ގައުމަށް ފައިދާ ކުރާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް މަލީހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ސޭފަރ އިންޓަނެޓު ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އިން ވަނީ ކުރެހުމުގެ މުބާރާތެއް އިއުލާން ކޮށްފައެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަ ކުދިން ވީހާވެސް ބޮޑަށް އިންޓަރނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.