ތ. ތިމަރަފުށީގައި ދޯންޏެއްގެ ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ފަހު، ތިމަރަފުށީ މަދަރުސާއެއް ގޮއްވާލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައި ކްރިމިނަލް ކޯޓަށް ދައުވާތައް ހުށަހަޅައިފިއެވެ.

މީގެ ތެރެއިން ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ކުރިއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާއެވެ.

ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި،

ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްގެ މައްޗަށް ވެސް ދެ ދައުވާއެއް ކުރިއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ، އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

އައިއީޑީއެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިޔަ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި ގޮތުން ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބެއް ގޮއްވާލަން ރޭވި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތ. ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.