ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ އަހުމަދު ވިސާމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސް ދޯންޏަކުން ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުގައި ހައްޔަރު ކުރި އެކަކަކީ މ. ބޮއިލިންފިޝް، އަހުމަދު ވިސާމެވެ. އޭނާއަކީ މި މައްސަލައިގެ "މުގުލުގައި" ހުރި ދިވެހި މީހާއެވެ. ވިސާމްއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރިއެވެ.

ޑްރަގު އަތުލައިގަތް މައްސަލައިގައި ހައްޔަރު ކުރި ވިސާމް މިދިޔަ ޖެނުއަރީ 24 ވަނަ ދުވަހު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވިސާމަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައިނުވާ ކަމަށެވެ.

ޑްރަގްގެ ބޮޑަކު ދޫކޮށްލި މައްސަލަ މިދިޔަ މަހުގެ 26 ގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގައި ހައި ކޯޓުން ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކަމަށެވެ.

ވިސާމް އާއި އިތުރު 10 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކޮށްފައިވެއެވެ.

އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެއީ ވިސާމްގެ އިތުރުން މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެއެވެ.