ފަލަސްތީނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ގ. އުތުރުގެ، ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅު އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާން ކުރެއްވިއެވެ.

މިއީ ފަލަސްތީނަށް ރާއްޖެއިން ސަފީރަކު ކަނޑައަޅުއްވާ ފުރަތަމަ ފަހަރެވެ. އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގާ ހަމަނުޖެހުންތަކުގައި އިޒްރޭލުގެ ދައުލަތުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާ ރާއްޖެއިން އަބަދުވެސް ކުށްވެރި ކުރެއެވެ.

އެ ސިޓީފުޅުގައިވާ ގޮތުން ފަލަސްތީނުގެ ނަން ރެސިޑެންޓް ސަފީރަކަށް ހަލީލުގެ ނަން ފޮނުވާފައިވާއިރު ޔުކްރެއިންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ރުމަނުވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ލަތީފުގެ ނަން ފޮނުވާފައިވެއެވެ.

އާޖަރު ބައިޖާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ހުސެއިން ނިޔާޒު ހ.ނިޔާފާ އައްޔަން ކުރަން ފޮނުވާފައިވެއެވެ. އަދި އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާގެ ސަފީރު ކަމަށް އުމަރު އަބްދުއްރައްޒާގު، ހ.ހިކިފިނިފެންމާގެ އައްޔަން ކުރަން ފޮނުވާފައިވެއެވެ.

ކެމްބޯޑިއާ އާއި ވިއެޓްނާމާއި އަދި ލާއޯއަށް ކަނޑައަޅާ ސަފީރަކަށް ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު، މއ ތިބުރޯޒުގެ ނަން ފޮނުވާފައިވެއެވެ. އިޓަލީ އާއި ތުރުކީގެ ސަފީރަކަށް ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އާޒިފް އަހުމަދުގެ ނަން ފޮނުވާފައިވެއެވެ.

ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ އައިމިނަތު ޝަބީނާ މިސްރަށް ކަނޑައެޅުމަށާއި، ސިންގަޕޫގައި ހުންނަވާ އިބްރާހިމް ޝަހީމް، ހ. ޖެހޭވައި، ނިއުޒިލެންޑްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ފޮނުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    3 ހަރަމަށް ކަންޑަ އެޅުއްވި ސަފީރު ތޯ ؟ މައްކާ މަދީނާ ބައިތުލް މަޤުދިސް ޤުދުސް !

  2. މަގުރޫޕް

    ސީދާ މުލު ވަގެއް ޝާހިދު ގެންގުޅޭ