އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި ހެކި ބަސް ދެއްވި ދަށުގެ ކޯޓުގެ ދެ ގާޒީންގެ އަދުލުވެރިކަން ގެއްލިފައިވާކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާތީ އެ ގާޒީންނަކީ އަދުލުވެރިން ކަމުގައި ބަލަންޖެހޭ ކަމަށާއި، އެ ގާޒީން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އަސާސެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް މިއަދު ހެނދުނު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ހެކިބަސް ދިން ދަށު ކޯޓުގެ ގާޒީންނަކީ އެ ގާޒީންގެ ހުވަޔާ ހިލާފުވެފައިވާ ބައެއް ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާ ކަމަށާއި، އެހެންކަމުން އެ ގާޒީންނަކީ ޢަދުލުވެރި ހެކިން ކަމުގައި ބެލޭނެ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ހެކިވެރިންގެ ޢަދުލުވެރިކަން ގެއްލިގެންދަނީ ބޮޑު ފާފައަކަށް އަރައިގަތުމުން ކަމަށް ހުރިހާ އިމާމުންވެސް އިއްތިފާޤްވެފައިވާ ކަމަށާއި، ހެކިބަސް ދިން ގާޒީންނަކީ ޖިނާއީ ކުށެއް ސާބިތުވެފައިވާ ބައެއް ނޫންކަމުން އަދުލުވެރިކަން ގެއްލޭނެ އެއްވެސް ހަމައެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގައި ހެކިބަސް ދިން ގާޒީން ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިނުވާ ކަމަށާއި، ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމަށް އެ ގަޒިއްޔާއިން ކަނޑައެޅޭނެ އެއްވެސް އަސާސެއްވެސް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

ދަށު ކޯޓުގައި ހެކިބަސްދިން އެއް ގާޒީއަކީ ބައެއް ސިޔާސީ ފަރާތްތަށް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތައް ބާތިލުކޮށްދޭން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގާޒީއަށް އެންގި ކަމަށާއި، އެ އަމުރުތައް ބާތިލުކުރީ ނުފޫޒުން ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެ ބަޔާން ދީފައިވާ ގާޒީއެކެވެ. ނަމަވެސް ހުކުމްތައް ބަދަލުކުރީ ފަނޑިޔާރުންގެ ނުފޫޒުންކަމަށް ޝަރީއަތުގައި ހެކިބަސް ދެމުން އިންކާރު ކޮށްފައިވެއެވެ.

ސިއްރުން ހެކިބަސް ދިން ދެވަނަ ގާޒީ ވަނީ އަލީ ހަމީދުގެ ނުފޫޒުގައި ގިނަ ހުކުމްތަކެއް ނެރެފައިވާނެ ކަމަށާއި ބައެއް ހުކުމްތައް އަލީ ހަމީދު ލިޔެފައި ދިން ގޮތަށް ހުކުމް ކުރެއްވި ކަމަށްވެސް ވިދާޅުވެ ޝަރީއަތުގައިވެސް ހެކިބަސް ދީފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއިދު ކުރި ނަމަވެސް، ކްރިމިނަލް ކޯޓުން ދީފައިވާ އަދަބު އެއް އަހަރާއި ދެމަހާއި 12 ދުވަހަށް ހައިކޯޓުން ވަނީ ލުއި ކޮށްފައެވެ.