އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އިސްލާމިކް މިނިސްޓްރީން އައްޑޫގެ މިސްކިތްތައް ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން އައްޑޫސިޓީ ކައުންސިލް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓިއަށް ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވަނީ އެފަދަ ފިޔަވަޅެއް އަޅާފައިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުންދާ ކޮވިޑް-19ގެ ވައިރަސް އައްޑޫސިޓީން ފެނި، އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާތީ ކަމަށެވެ.

މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ނިންމާފައިވަނީ އެ ސިޓީއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބުރުގާ

  އަސްތާ، ތިގޮތައް ނަމާދު މެދުން ކަނޑަންޏާ އައްޑޫއިން ދީންވެސް ނެތިގެން ހިނގައިދާނެ

  9
  2
 2. ސުވާލު

  ކޮވިޑް ޖެހެނީ މިސްކިއްތަކަކުންނެއް ނޫން. އެހެންނޫންނަމަ މާލޭގެ ހުުކުރު ނަމާދައް ގޮސްގެން ގިނަ ބަޔަކަށް އެއްފަހަރާ ކޮވިޑުޖެހުނިސް. ކޮވިޑް ޖެހޭ ތަންތަނަށް ބަލާއިތު މިސްކިތް ތަކުގެ ކޭސް ގެ އަދަދަކީ 0%. ތިބައްޔަކީ ގައިގޯޅިވުން ބޮޑުވާ ކުލަސްޓަރތަކުގައި އެނބުރޭ ބައްޔެއް. ދޮންދީ ބެއްދުމުން އަދި މިނޫނަސް ކުޅުގެ އަސަރު ކުރާ ފަދަ ކަންކަމުން ބަލިހުރިމީހެއްގެ ފަރާތުން ޖެހޭ ބައްޔެއް. ލާދީނީ ވިޔަސް ބޮޑުވަރު. ނާޗަރަންގީ ނުކުޅެވޭތީއޭ ކިޔާފަ އިސްލާމްދީނައް އެކަމުގެ ރޯޅި ބާލާކަށް ނުޖެހޭ.

 3. އަޙްމަދު

  މިސްކިތްތައް ބަންދުކުރަން ވަރަށް ފޯރި އެބަހުރިދޯ! މަލޭގައި ދުވާލަކު 100 އިން މަތީގައި ކޭސްތައް ހުންނައިރު މާލޭގައި މިސްކިތްތައް ހުޅުވާފައި ކީއްވެތޯ އައްޑޫގައު މިސްކިތްތައް ބަންދު ކުރަންވީ!!!

 4. ޔޫސޭ

  ތީ ވަރަށް ބޮޑު ނުބަޔެއް. ތިގޮތަށް ޖަމާޢަތް ހުއްޓައެއް ނުލެވޭނެ! ތިކަމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭ. ޢުމަރުގެފާނުގެ ޒަމާނުގައި ތޯއޫން ބަލި ފެތުރުން އިރުވެސް ޖަމާއަތް މެދުކަނޑަނުލާ.

 5. ސސ

  ޢޮޕޮޒީޝަން މީހުންގެ ކެމްޕޭނަށް ހުރަސް އަޅަން ކުރާކަމެއް !

 6. ލާހި

  ދެކުނު މީހުންނަށް ޖެއްސުނު ކުރާ ޑުރާމާ، އޮޕޮޒީޝަން ކެމްޕޭނަށް ހުރަސް އަޅަން ސްޓަންޓް ޖައްސަނީ !