ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް ހާލެއްގައި އައްޑޫގައި މާސްކު ނާޅާ އުޅުނު މީހަކު ޖޫރިމަނާ ކޮށްފިއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން (އޭއީއޯސީ) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުތް ޕޮލިސް ޑިޥިޝަންގެ ކޮމާންޑަރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލްގައްޔޫމް ވިދާޅުވީ، އުސޫލުތަކާއި ހިލާފުވެގެން މިހާތަނަށް ދެ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކީ މިއަދު ވައިގެ މަގުން އައްޑޫއައި ހުއްދަ ނުހޯދައި އައިސްފައިވާ މީހެއް ކަމަށާއި ދެން ޖޫރިމަނާ ކޮށްފައިވަނީ އައްޑޫގައި މާސްކު ނާޅައި އުޅުނު މީހެއް ކަމަށެވެ.

"މާސްކު ނާޅައިގެން މުޅި އައްޑޫސިޓީއިން އެންމެ ފަރާތެއް ފައިން ކުރެވިފައި ވަނީ" އަމީން ވިދާޅުވިއެވެ.

އައްޑޫސިޓީން އެންމެ މީހަކު ޖޫރިމަނާ ކުރިކަން ފާހަގަ ކުރައްވަމުން އަމީން ވިދާޅުވީ، މި އާބާދީއާއި ބަލައި އެއީ ވަރަށް މަދު އަދަދެއް ކަމަށާއި އާންމުކޮށް ބަލާނަމަ ހުރިހާ ރައްޔިތުންނވެސް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި އިރުޝާދުތަކަށް ބޯލަނބާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އައްޑޫގައި އުސޫލުތަކާއި ހިލާފުވެގެން ދެ މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 31 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 1،551 މީހަކު ވަނީ މާސްކް ނާޅައި ބޭރުގައި އުޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ. އަދި މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 988 މީހަކާ 271 ވެހިކަލެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން އެނގެއެވެ.

މިއާ އެކު، މި އަށް ދުވަސް ތެރޭގައި ޖޫރިމަނާކޮށްގެން ދައުލަތަށް ލިބޭ އަދަދު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ވަނީ އަރައިފައެވެ. އަދި ތަކުރާރުކޮށް ބަޔަކު ޖޫރިމަނާކޮށްފައި އޮވެއްޖެ ނަމަ، މި އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަބޭ

    މަބުނީމެއްނު އައްޑޫ ބައްޑާތައް އެއްވެސް ގަވައިދަކައް ގުޑައެއް ނުލާނެޔޭ، ސެއްޅިތައް. ވާނެއެއްޗެއް ވާން ދޫކޮއްލާ...