ރާއްޖޭގައި ކުރިއަށްގެންދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ތެރެއިން މިހާތަނަށް 16،000 ވުރެ ގިނަ މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިއަދު ވެކްސިން ދިން 3،306 މީހުންގެ ތެރެއިން 2،792 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުން ކަމަށެވެ. އަދި ބާކީ 514 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ދީފައިވާ މީހުން ކަމަށެވެ.

މިވަގުތު މި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު އުޅެނީ 16،251 ގައެވެ. އޭގެ ތެރެއިން 13،418 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަދި ބާކީ 2،833 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ދީފައިވާ މީހުންނެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައިވެސް ވެކްސިން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ.

މި ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީގެން، މިމަހުގެ އެއް ވަނަ ދުވަހުއެވެ.

މިވެކްސިންގެ އިތުރުން ޗައިނާ ސަރުކާރުންވެސް ވަނީ ރާއްޖެއަށް އެގައުމުން އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒްގެ ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.