ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުގެ ޖަވާބު ތައްޔާރު ކުރުމަށް ވާދަވެރި ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިއަދަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނަށް ވާދަވެރި ފަރާތްތަކުން ދޭން ޖެހޭ ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން ވާދަވެރި ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ބައްދަލުވުމެއް މިއަދު ހެނދުނު 11:00 ގައި މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގަައި އޮންނާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެއެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅުއްވަން ޖެހެއެވެ.

މަޖިލީހުގައި ރައީސް ސޯލިހް ލީޑް ކުރައްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގައެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އެހެންކަމުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި ސަލީމް އެ ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން އެމްޑީޕީ ފިޔަވައި މަޖިލީހުގައި ދެން ތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. މިއަދުގެ ބައްދަލުވުމަކީ އެ ކަމަށް ބާއްވާ ބައްދަލުވުމެކެވެ.

މަޖިލީހުގައި ދެން ތިއްބަވަނީ އިދިކޮޅު ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނާއި އަމިއްލަ ހަތަރު މެންބަރުންގެ އިތުރުންޜި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެެ މެންބަރު އަބްދުﷲ ޖާބިރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ޖަވާބުގައި މިގޮތަށް ލިޔެލާ"
    2021 ގައި އިބްރާހީމް މުޙައްމަދު އިއްވި ރިޔާސީ ބަޔާނަކީ 2019 ، 2020 ގައިވެސް އިއްވައި ، އެޑިޓްކޮށްފައިވާ ބަޔާނަކަށް ވެފައި ، އެ ބަޔާނކީ ބަޔަކު ލިޔެފައި ކިޔާލާށޭކިޔާފަ ދިން އެއްޗަކަށް ވާތީއާއި އޭގައިވަނީ ދޮގުން ދޮގު އުފައްދާފައިވާ ނަޖިސް ކަމަށްވާތީ އިދިކޮޅުން އެ ބަޔާނަށް ދޭނޭ އިތުރު ޖަވާބެއް ނެތެވެ."